ކަންކަން ނިންމާ ފެންވަރުގައި، ގޮތް ކިޔައި ބަސްބުނުމުގައި، އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންހެނުންނަށް ހާއްސަކޮށް ދޭ ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި، އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ.
އޭގެ ނަތީޖާއަކަށް ވެފައި މި އޮންނަނީ، ޤައުމީ ތަރައްޤީގެ މުހިންމު ކަންކަމުގައި، އަދިވެސް އެކަށީގެންވާ މިންވަރަށް، އަންހެނުންނަށް ފުރުޞަތު ނުލިބުން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ދާއިރާއިންވެސް އަދި އިޖުތިމާޢީ ދާއިރާއިންވެސް، އެ ހުސްކަން އަޅުގަނޑުމެންނަށް ފެންނަ ކަމަށާއި، ކުރަމުން މި އަންނަ މަސައްކަތަކީ، އެ ހުސްކަން ފޫބެއްދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން ކަމަށެވެ. ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ޤާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަޤާމުތަކަށް ގެންގޮސްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކަންކަން ނިންމާ ފެންވަރުގައި، ގޮތް ކިޔައި ބަސްބުނުމުގައި، އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި. އެއީ މުޅި ދުނިޔޭގައިވެސް ހުރި ގޮންޖެހުންތަކެއް. އެއީ މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާމެދު، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުން ހުރި ގޮންޖެހުންތަކެއް."
ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިކަންކަން ހަމައެކަނި ގާނޫނެއްގެ ތެރެއިން ހައްލު ނުކުރެވޭނެ ކަމަށާއި، މިކަންކަން އިސްލާހުކުރުމަށް މީހުންގެ ވިސްނުމާއި ފިކުރު ވެސް ބަދަލުކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގައި، މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި އަންހެނުން ކަމަށެވެ. ސަބަބަކީ، ޤައުމުގެ ތަރައްޤީ އެބައެއްގެ އަތްމަތިން ބައްޓަންވެގެން އަންނަ ޤައުމުގެ ޒުވާން ޖީލަށް، އެންމެ ޅަފަތުން ފެށިގެންވެސް ޢިލްމު އުނގަންނައިދިނުމުގައި، އެންމެ ގިނައީ އަންހެނުން ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ އަންހެނުންނަކީ ހަމައެކަނި މުޖުތަމަޢުގެ ދެބައިކުޅަ އެއްބައެއް ނޫން ކަމަށާއި، އެއީ މުޅި އިންސާނިއްޔަތުގެވެސް ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި އެއީ ޢާއިލާތައް އުފެދި ބިނާވެގެން އައުމުގެ ބިންގާ ކަމަށާއި، އެއީ އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތުގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!