ޑްރަގް ކެފޭ އެއްގޮތަށް ހިންގަމުން އަންނަތަނެއްގައި އެކަން ހިންގުން ހުއްޓާލަން އެންގުމުން ވެސް ނުހުއްޓާތީ އެ ގޭގެ ވެރިފަރާތަށް ދައުވާކޮށްފިއެވެ.

އެކަމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެފޭ އުޞޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ. ބްރައިޓްފްލަވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، އެގޭ ވެރިމީހާގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

Ad
rt

އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މީޑިއާގެ ކަންކަމާއި ހަވާލުވެ ހުންނެވި ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދދު ޝަފީއު ވިދާޅުވީ އެ މީހާގެ މައްޗަށް ދައުވާކޮށްފައިވަނީ މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާކަމަށް ޤަބޫލުކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުސަތު އޮވެ، އެކަން ހުއްދަކޮށްފައިވާތީ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 127 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ގެއެއް ނުވަތަ ޢިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ނުވަތަ އެއިން ކަމެއް ކުރުމަށްކަން ޤަބޫލުކުރެވޭ ޙާލު، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުޞަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދަޢުވާ އެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދައުވާކުރި ފުރަތަމަ ފަހަރެވެ.