މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އެވެ.

Ad
rt

އަލްއުސްތާޛާ މަރްޔަމް ޝަމްޢާ މި މަގާމަށް އައްޔަން ކުރެއްވުމުގެކުރިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭގެ ކުރިން ހިއުމަންރައިޓް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމާއި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމު ވަނީ ފުރުއްވާފައެވެ.

އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ޝަމްއާ ވަނީ ބެޗްލަރ އޮފް ލޯ ހާޞިލުކުރައްވާފައެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ.

ޤާނޫނުގެ ދަށުން ކަނޑައަޅާ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި މި ޤާނޫނާއި ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމާއި ޤާނޫނާއި ޚިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުން ހިމެނެއެވެ.