ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ހއ. ދައްޕަރު އެ އަތޮޅު ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ބޭރުކޮށްފި އެވެ.
ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުންނެވެ. މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.
މީގެ ކުރިން އެންމެ ފުރަތަމަ ރަށްތަކުގެ އިޚުތިޞާޞު ބަޔާންކުރި ޤަރާރުގައި ދައްޕަރު ހިމަނާފައިވަނީ ފިއްލަދޫ ކައުންސިލުގެ އިހްތިސާސް ތެރޭގައެވެ. ނަމަވެސް އެ އ އިހްތިސާސަށް ބަދަލުގެންނަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަތުމުން އެ ގަރާރަށް އިސްލާހުގެނެސްފައިވާ ކަމަށެވެ.
މިއަދުގެ ގަރާރުގައި ވަނީ ދައްޕަރަކީ ރިސޯޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެކަމަކު ސަރުކާރުން އެތަނުގައި ރިސޯޓެއް ގާއިމްކުރަން ނިންމި ނަމަވެސް އަދި އެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް ނުވެއެވެ. އެ މަސައްކަތަށް މިދިޔަ އޭޕްރިލް މަހު ބިޑަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ބިޑުކޮށްފައެއް ވެސް ނުވެއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ އެތަނުގައި އެހެން ޕްލޭންތަކެއް ހުރިކަން ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވާފައެވެ. އެގޮތުން ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެއްލައްކަ ރުފިޔާ އިންވެސްޓްކުރާ ފަރާތްތަކަށް ނުވަތަ ދިގު މުއްދަތަކަށް ތަންތަން ކުއްޔަށް ހިފާ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމަކީ މިވަގުތަށް މުހިންމުކަމެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ޚިލާފްނުވާ ގޮތަކަށް އަމަލުކުރާ އަދި 500،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ވިސާ ދޭން ވިސްނިދާނެ ކަމަށް ވިދާޅުވެފައިވެއެވެ.
https://thiladhun.wonstasite.com/70022
ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ރަށެކެވެ. އެތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަކީ ފިއްލަދޫ ރައްޔިތުންގެ ދުވަސްވީ ހުވަފެނެކެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!