ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެންނަން ނުވިސްނާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ރާއްޖޭގައި އިސްލާމް ކިޔަވާދޭ ކަރިކިއުލަމް ރިވިއުކޮށް އިސްލާމް ފޮތްތަކުގައި ނަފްރަތަށް މަގުފަހިވާ ގޮތަށް ހުރި ލިޔުންތައް ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމަށާއި، ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އިސްލާމް ކިޔަވާ ދިނުމަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ މޭ 6 ކޮމިޓީން ބުނެފައިވަނިކޮށެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން އެކުލަވާލެއްވި ރިޕޯޓްގައި ހުށައަޅުއްވާފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން، މި މިނިސްޓްރީއާ ގުޅޭ ކަމަށް އެރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންކަން ތަންފީޒު ކުރެއްވުމުގެ މަސައްކަތާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، 26 އޮގަސްޓް 2021ގައި، މޭ 6ގެ ކޮމިޓީއިން މި މިނިސްޓްރީއާ ބައްދަލު ކުރައްވާ، ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
މިނިސްޓްރީން ބުނީ އެފަދަ މަޝްވަރާއެއް ކުރެވުނު ނަމަވެސް ރާއްޖެއިން ބޭރުން އިސްލާމް ކިޔަވާދޭ މުދަރިއްސުން ގެންނަން ވެސް އަދި އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައިދޭން ވެސް ވިސްނާފައިނުވާ ކަމަށެވެ. މިނިސްޓްރީން ބުނީ އިސްލާމް މާއްދާގެ މުޤައްރަރު ތައްޔާރު ކުރެވިފައިވަނީ ދިވެހިބަހުން ކަމަށްވެފައި އަދި، އެ މާއްދާ ކިޔަވައި ދެއްވުމަށް ތަމްރީން ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންވެ އެފަދަ ވިސްނުމެއް މިނިސްޓްރީގައި ނެތް ކަމަށެވެ.
ރާއްހޭގެ ހަރުކަށި ފިކުރުގެ މައްސަލަތައް ބޮޑުވެ، އެކަންކަން ހައްލުކުރުމަށްޓަކާ ކަމާބެހޭ އިދާރާތަކުން ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީއާއި، ހޯމް މިނިސްޓްރީ އަދި ފުލުހުންގެ އިދާރާއިން ވެސް އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!