އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ސިޓީން ކާމިޔާބު ކޮށްފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން އާސެނަލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުންވަނީ 81 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓައި އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ސިޓީން އާސެނަލްގެ ގޯލާއި އަމާޒުކޮށް 11 ހަމަލާ ފޮނުވާލިއިރު އާސެނަލްއަށް ސިޓީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.

މި މެޗުގެ ކުރީކޮޅު ސިޓީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ގުންޑަގަންއެވެ. ދެވަނަ ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސްއެވެ.

މެޗުގައި އާސެނަލްއަށް އިތުރު މައްސަލަ ކުރިމަތިވީ މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރ ޒާކާއަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. ޒާކާއަށް ރަތްކާޑު ދައްކާފައި ވަނީ ސިޓީގެ ޑިފެންޑަރ ކެންސެލޯއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ތިންވަނަ ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޖީސަސްއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން 53 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ހޯދާފައެވެ. މި ލަނޑު 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީއެވެ. ފަސްވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސްއެވެ.

މިއީ 1954 އަހަރުގެ ފަހުން އާސެނަލް ލީގުގެ ފުރަތަމަ ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި އަދި ލަނޑެއް ވެސް ކާމިޔާބު ކުރެވިފައި ނުވެއެވެ.