ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ހޮފެއިންހަމް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތު ޑޯޓްމަންޑްގެ ޒުވާން ފޯވާޑް ލަނޑުޖަހައި އެ ޓީމް މޮޅުކޮށްދީފިއެވެ. މި މެޗު ޑޯޓްމަންޑް ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފހުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވެއެވެ. ނަމަވެސް މެޗުގެ ފަހު ހާފުގައި ޖުމްލަ ފަސްލަނޑު ވަނީ ފެނިގެން ގޮސްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޑޯޓްމަންޑުންނެވެ. މި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖިއޮވާނީ ރޭނާއެވެ. ނަމަވެސް މެޗުގެ 61 ވަނަ މިނެޓުގައި ހޮފެއިންހަމްގެ ބޯމްގާޓްނާ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ޑޯޓްމަންޑުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 69 ވަނަ މިނެޓުގައި ބެލިންހަމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައު ހޮފެއިންހަމް އިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މޫނަސް ޑަބޯއެވެ.
މި ނަތީޖާއާއި އެކު ދެ ޓީމް އެއްވަރުވެގެން މެޗު ނިމިދާނެ ކަމަށް ޤަބޫލު ކުރެވުން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގައި ޑޯޓްމަންޑްގެ ހުނަރުވެރި ފޯވާޑް ހާލަންޑް ވަނީ ލަނޑުޖަހައި މެޗުން ޑޯޓްމަންޑް މޮޅު ކޮށްދީފައެވެ.
މި ނަތީޖާއާއި އެކު ޑޯޓްމަންޑް މިވަގުތު އޮތީ ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!