ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެއްވެސް މުވައްޒަފެއް ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން އެހެން ބުނީ، ޕީޕީއެމުން މިހާރު ހުވަދު އަތޮޅަށް ކުރަމުންދާ ދަތުރުތަކުގައި ގދ. ފަރެސްމާތޮޑާއަށް ދިއުމުން އެ ޕާޓީގެ ޓީމުގެ މެމްބަރުންނަށް މަރުހަބާ ކިޔަންދިޔަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

Ad
rt

ފެނަކައިން ބުނީ، ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ހަތަރު މުވައްޒަފުންނަކީ ފެނަކައިގެ މަޝްރޫއެއްގައި ތިން މަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ގޮތުން މަސައްކަތްކުރަމުން ދިޔަ ބައެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރަން ނެގި ވަގުތީ މުވައްޒަފުންތަކެކެވެ.

އެ ކުންފުނިން ބުނީ އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ މަސައްކަތުގެ އަހުލާގާއި ކުރަން ހަވާލުކުރާ މަސައްކަތަށް ގާބިލު މުވައްޒަފުން ނޫން ކަމަށް ފެންނާތީކަމަށެވެ.