“އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މި އަހަރު ހިދުމަތް ދޭން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށްއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ބައެއް ނޫސްތަކުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުން އަންނަ އަހަރަށް ލަސްވިކަމަަށް ބުނެ ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

Ad
rt

މި ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށެވެ. މި ރަށްތަކުގައި ފެރީ ގިމަތަ އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީކުރަމުންނެވެ. މި މަސައްކަތް ނިންމަން ތާވަލު ކޮށްފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހަށެވެ.

އާޒިމް ވިދާޅުވީ ފެރީ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮވިޑް-19އާ ހެދި ދަތިތަކާ ދިމާވި ނަމަވެސް މިއަހަރު ހިދުމަތް ދޭން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ފެރީ ނެޓްވޯކުގެ ދަށުން ހައި ސްޕީޑް ފެރީ ބަންނަން ހަވާލު ކޮށްފައިވަނީ ގަލްފް ކްރާފްޓާއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދިނުމަށް 14 ލޯންޗުބޭނުންކުރާނެއެވެ.

މި ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތައް ފަރުމާކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަމިއްލައަށް އަރައި ފޭބޭ ގޮތަށެވެ. ކޮންމެ ލޯންޗެއްގައި 40-50 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެއެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ނޭޝަނަލް ސްޕެޝަލް ޕްލޭން(2020-2040) ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ފެރީ ނެޓްވޯކުން ހަ ރީޖަންގެ ހުރިހާ ރަށެއް ގުޅާލާއިރު، އެއް ރީޖަންއަނެއް ރީޖަނާ ވެސް ގުޅުވާލާނެއެވެ.