ނުރައްކާތެރި ބާވަތެއްގެ ބޯވައެއް ފެންނާތީ ސަމާލުވާން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން އިލްތިމާސްކޮށްފިއެވެ.

އެ އިންސްޓިޓިއުޓުން ބުނީ އެއީ އާންމުކޮށް ޜާއްޖެއިން ފެންނަ ބާވަތުގެ ބޯވައެއް ނޫން ކަމަށާއި، އެކަމަކު މި ފަހަކުން ބްލޫ ރިންގްޑް އޮކްޓޮޕަސް ފެންނަކަން ފާހަގަވެފައިވާ ކަމަށެވެ.

Ad
rt

އެއީ އާންމުކޮށް ރާއްޖެއިން ފެންނަ ބޯވައަށް ވުރެ ސައިޒުން ކުޑަ ބޯވައެއް ކަމަށާއި، އަދި އެއަށް ނުރައްކާ އިހުސާސްވުމުން ހަންގަނޑަށް ނޫ ބޮޅުތަކެއް އަރުވާ ކަމަށް ބުނެފައިވެއެވެ.

މި ބާވަތުގެ ބޯވައަކީ ނުރައްކާތެރި ވިހައެއް ދޫކުރާ ބޯވައެކެވެ. އަދި އެ ވިހަ އަކީ މިހާތަނަށް އެއްވެސް އެންޓިވެނަމެއް ހޯދިފައިވާ ވިހައެއް ނޫނެވެ.

އެ ބޯވަ ވިހަ ދޫކުރަނީ ނުރައްކަލުން ސަލާމަތް ވުމަށާއި ޝިކާރަ ކުރުމަށެވެ. އެގޮތުން އޭއްޗެހި ކާނާ ހޯދުމަށް ޝިކާރަ ކުރަނީ ކާން ބޭނުންވާ އެއްޗެއްގަ ދަތް އަޅާ އެ އެއްޗެއްގެ ގަޔަށް ވިހަ ދޫކޮށް މަރާލައިގެންނެވެ.

މިގޮތަށް އެ ދޫކުރާ ވިހަ އަކީ އިންސާނުންނަށް ވެސް ވަރަށް ނުރައްކާތެރި ވިހައެއް ކަމަށާއި، އެ ވިހައަށް އެންޓިވެނަމް އެއް ހޯދިފައި ނުވާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ. މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅިނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެ ކަމަށާއި، ނަމަވެސް، ހަށިގަނޑުގެ އޭގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާ ކަމަށެވެ.

އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާގޮތް ވުމާއި، ހިތްހުއްޓުންފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހޭ ކަމަށާއި، އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދާ ކަމަށް ވެސް ބުނެފައިވެއެވެ.