އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރަ އޮފް ޕޮލިސް އަލްފާޟިލް މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

Ad
rt

މިނިސްޓްރީން ބުނިގޮތުގައި ބައްދަލުވުމުގައި ޤާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ޙައްލު ކުރުމަށާއި، ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރިއެވެ. ހަމައެހެންމެ މިފަދަ މައްސަލަތަކުގައި ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރި ކަމަށް ބުނެއެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގޭ ހަރުކަށި ޢަމަލުތަކާއި، އިސްލާމީ އަޚްލާޤީ މިންގަޑުންބޭރު ޢަމަލުތަކާއި އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމަޢުގައި ޢާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވި، މިކަންކަން ޙައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަމާ ބެހޭ އިދާރާތަކުން މިފަދަ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި މިވަނީ ރާއްޖޭގައި ހާމަކަން ބޮޑުގޮތެއްގައި ހަރުކަށި ފިކުރު ފެތުރުމާއި، ޓެރަރިސްޓް އަމަލުތައް ހިންގުން އާންމުވެފައިވަނިކޮށެވެ.