އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ލިވަޕޫލުން ވެސް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ.
ހޮނހިރު ދުވަހުގެ ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާއި ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖަހާފައި ވަނީ މެޗުގެ 07 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ނޯވިޗްގެ ގޯލްކީޕަރ ޓިމް ކުރުލް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ 17 ވަނަ މިނެޓުގައި ސިޓީގެ ފެރާން ޓޯރޭސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް އޭނާ އެ ލަނޑު ކާމިޔާބު ކުރުމުގެ ކުރިން ހިނގާދިޔަ ފައުލަކާއި ގުޅިގެން ރެފްރީވަނީ ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ކެންސަލް ކޮށްލާފައެވެ.
މެޗުގައި ސިޓީން ކާމިޔާބުކުރި ދެވަނަ ލަނޑު 22 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މި ސީޒަންއަށް އެސްޓަން ވިލާއިން ބޮޑު އަގުގައި ގެނައި އިނގިރޭސި މިޑްފީލްޑަރ ގްރީލިޝްއެވެ. މިއީ އޭނާ ސިޓީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު 64 ވަނަ މިނެޓުގައި ލަޕޯޓޭ ކާމިޔާބު ކޮށްދިންއިރު، ހަތަރު ވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަހީމް ސްޓާލިންއެވެ. ފަސްވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރުބެން ޑިއާޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މަޙްރޭޒްއެވެ.
ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލު ވެސް ވަނީ އަމިއްލަ ދަނޑުގައި ބާންލީއާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ.
މި މެޗުގައި ލިވަޕޫލަށް ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކޮސްޓަސް ސިމިކަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިއެގޯ ޔޮޓާއެވެ. ދެވަނަ ލަނޑު 69 ވަނަ މިނެޓުގައު އާނޯލްޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަޑިއޯ މަނޭއެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުން އެހެން މެޗުތަކަށް ބަލައިލާއިރު އެސްޓަން ވިލާ ވަނީ 2-0 ގެ ނަތީޖާއިން ނިއުކާސަލް ބަލިކޮށްފައެވެ. ކްރިސްޓަލް ޕަލަސްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުންއިރު، ލީޑްސްއާއި އެވަޓަން ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ބްރައިޓަން ވެސް ވަނީ 2-0 ގެ ނަތީޖާއިން ވޯޓަފޯޑްގެ މައްޗަށް ކުރި ހޯދާފައެވެ.
ޕްރިމިއާ ލީގުގެ މެޗުތައް މިރޭ ވެސް އޮންނާނެއެވެ. މިރޭ 18:00 ގައި މެންޗެސްޓާ ޔުނައިޓެޑް ސައުތުހެމްޓަންއާއު ދެކޮޅަށް ނުކުންނައިރު، 20:30 ގައި ބައްދަލުކުރާނީ ޗެލްސީއާއި އާސެނަލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!