ނަމާދުގައި ތަކްބީރަތުލް އިންތިޤާލާ ގުޅޭ ބައެއް މައްސަލަތައް

china-mosque-demolition_a0ec1530-6816-11e9-9706-c5428a3382f6

ތަކްބީރަތުލް އިންތިޤާލަކީ ނަމާދުގައި އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ބަދަލުވާއިރު ކިޔާ ތަކުބީރެވެ. ނަމާދު ފަށަމުން ކިޔާ ފުރަތަމަ ތަކުބީރަށް ކިޔަނީ ތަކުބީރަތުލް އިޙްރާމެވެ. ނުވަތަ ދިވެހިން އާންމުކޮށް ކިޔާފަދައިން ހަށަންބަން ތަކުބީރެވެ.

ފުރަތަމަ މައްސަލަ: ތަކްބީރަތުލް އިންތިޤާލް ކިޔުމުގެ ޙުކުމަކީ ކޮބާ؟

މި މައްސަލާގައި ޢިލްމުވެރިން ދެ ރަޢުޔަކަށް އިޚްތިލާފުވެފައިވެ.

ފުރަތަކަ ރައުޔު: މި ރައުޔުގެ ޢިލްމުވެރިންގެ ތެރޭގައިވާ އިމާމް އަޙްމަދާއި ސަލަފުއް ޞާލިހުންގެ އެތައް ބަޔަކު ބަޔާން ކުރައްވާފައި ވާ ފަދައިން، ތަކްބީރަތުލް އިންތިޤާލް ކިޔުމަކީ އަންނަނިވި ސަބަބުތަކަށްޓަކައި ވާޖިބެކެވެ. އަދި އެއީ މިބާބުގައި އެންމެ ރަނގަޅު ރަޢުޔެވެ.

ސަބަބު 1: އެހެން ޙަދީޘެއްގައި ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރަށްވާފައި ވަނީ: إذا كبر الإمام فكبروا "އިމާމު މީހާ ތަކުބީރު ކިޔައިފިނަމަ ތިޔަބައިމީހުންވެސް ތަކުބީރު ކިޔާހުށިކަމެވެ."

ސަބަބު 2: ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ ތަކްބީރަތުލް އިންތިޤާލް ކިޔުމަށް އަމުރު ކުރަށްވާފައެވެ. އަދި އެކަލޭގެފާނު ވަނީ އެކަން ޢަމަލުން ދައްކަވާފައެވެ، ހަމައެއާއެކު އެކަލޭގެފާނު ޙަދީޘް ކުރަށް ވަނީ: صَلُّوا كَمَا رَأَيْتُمُونِي أُصَلِّي "ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދުކުރާށެވެ."

ސަބަބު 3: ތަކްބީރަތުލް އިންތިޤާލަކީ އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ބަދަލުވާއިރު ކިޔާ ޝިޢާރެކެވެ. ނަމާދުގެ ޙަރަކާތްތަކުގައި ވަރަށް މަތިވެރި ހައިއަތެއް ވެއެވެ. އެހެން ކަމުން އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ބަދަލުވާ ހިނދު މަތިވެރި ޝިޢާރެއް ކިޔުން ހުއްޓެވެ.

ދެވަނަ ރައުޔު: މި ރައުޔުގެ ޢިލްމުވެރިން ގެ އަރިހުގައި ތަކްބީރަތުލް އިންތިޤާލް ކިޔުމަކީ މުސްތަޙައްބު ކަމެކެވެ. އިމާމް އަބޫ ޙަނީފާ، އިމާމް މާލިކު، އިމާމް ޝާފިޢީގެ އިތުރުން އިމާމް އަޙްމަދުގެ އެއް ރިވާޔަތެއްގައި މިރައުޔު ޞައްޙަ ކަމަށް ވިދާޅުވެފައި ވެއެވެ.

އެބައިމީހުންގެ ދަލީލަކީ: "ޙަދީޘުލް މުސީގެ" ނަމުން މަޝްހޫރުވެފައިވާ ޙަދީޘެވެ. މި ޙަދީޘުގައި ގޯސް ކޮށް ނަމާދު ކޮށްގެން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެމީހަކަށް ނަމާދު ކުރަން ދަސްކޮށްދެއްވި މީހާއަށް ތަކްބީރަތުލް އިންތިޤާލް ގެ ވާހަކަ ޛިކުރުކުރަށްވާފައި ނުވެއެވެ. ނަމަވެސް ކުރިން ބުނެވުނު ފަދައިން، މިމައްސަލާގައި އެންމެ ޞައްޙަ ރަޢުޔަކީ ފުރަތަމަ ފުރަތަމަ ރަޢުޔެވެ.

ސުވާލު 2: ތަކްބީރަތުލް އިންތިޤާލް ކިޔުން ޝަރުޢު ވެފައިވަނީ އެއް ޙަރަކާތުން އަނެއް ޙަރަކާތައް ބަދަލުވުމުގެ ކުރިންތޯ ނުވަތަ ބަދަލުވާ ވަގުތުގައިތޯ؟

ޖަވާބު: ތަކްބީރަތުލް އިންތިޤާލް ކިޔުން ވަނީ އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ބަދަލުވާ ވަގުތުގައެވެ. މިޘާލަކަށް މީހަކު ނަމާދުގައި ސަޖިދަ ޖަހާނަމަ އޭނާ ތަކުބީރު ކިޔާނީ ސަޖިދައަށް ދާ ވަގުތުއެވެ. ތަކްބީރު ކިޔާފައި ސަޖިދައަށް ދިއުމެއް ނުވެއެވެ. އަދި ސަޖިދައަށް ގޮސް ތަކުބީރު ކިޔުމެއްވެސް ނުވެއެވެ.

ސަބަބަކީ، ސަޖިދައަށް ދިއުމުގެ ކުރިން އޭނާ ވާހުށީ ޤިޔާމުގެ ޙާލުގައެވެ. ޤިޔާމުގައި ކިޔަންވީ ޛިކުރުތައް ވަނީ ބަޔާންވެގެންނެވެ. ވީމާ، ސަޖިދައަށް ދިއުމަށް ޙަރަކާތް ކުރުމުގެ ކުރިން ތަކްބީރު ކިޔައިފި ނަމަ ޤިޔާމުގެ މަޙައްލުގައި ނުވާ ޛިކުރެއް ޤިޔާމަށް އިތުރުވުން ކަމަށް ވާނެއެވެ. އަދި ސަޖިދައިގައި ކިޔަންވީ ޛިކުރުތައް ވަނީ ބަޔާން ވެގެންނެވެ. ވީމާ، ސަޖިދަ އަށް ގޮސް ހަމަ ޖެހިލައިފައި ތަކްބީރު ކިޔައިފި ނަމަ ސަޖިދައިގެ މަޙައްލުގައި ނުވާ ޛިކުރެއް ކުރުން ކަމަށް ވާނެއެވެ. އެހެންކަމުން މި މައްސަލާގައި ޙާލަތްތަކެއް ވެއެވެ. އެގޮތުން، ސަޖިދައަށް ދިއުމުގެ މިޘާލަށް ބަލައިލާނަމަ،

ފުރަތަމަ ޙާލަތް: ޤިޔާމުގައި ހުރެ ތަކްބީރުކިޔަން ފެށުމަށްފަހު، ސަޖިދައަށް ތިރިވަމުން ތަކްބީރު ނިއްމާލައިފިނަމަ، އެގޮތް އެންމެ ރަނގަޅެވެ.

ދެވަނަ ޙާލަތް: އަދި ޤިޔާމުގައި ހުރެ ތަކްބީރުކިޔަން ފަށައި، ސަޖިދައަށް އެއްކޮށް ތިރިވުމަށްފަހު ތަކްބީރު ނިއްމާލައިފިނަމަވެސް، އެންމެ ރަނގަޅެވެ.

ތިންވަނަ ޙާލަތް: އެހެން ނަމަވެސް ސަޖިދައަށް ދިއުމަށް ޙަރަކާތް ކުރުމުގެ ކުރިން އެބަހީ ޤިޔާމުގައި ހުރެ ތަކުބީރުލް އިންތިޤާލް ކިޔައި ނިއްމާލުމަށްފަހު ސަޖިދައަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ހަތަރުވަނަ ޙާލަތް: އަދި ޤިޔާމުގައި ހުރެ، ތަކްބީރު ނުކިޔައި ސަޖިދައަށް އެއްކޮށް ތިރިވުމަށްފަހު ތަކްބީރު ކިޔުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. އަދި ބައެއް ޢިލްމުވެރިންގެ އަރިހުގައި ގަސްދުގައި މިފަދައިން ކަންތަށް ކޮށްފިނަމަ ނަމާދު ބާޠިލުވާނެއެވެ. މިއީ ޙަންބަލީ މަޛްހަބުގެވެސް އެންމެ މަޝްހޫރު ރަޢުޔެވެ.

 

މަޢުލޫމާތު ނެގިފައިވާ ފޮތް: فتح ذو الجلال والإكرام (3/234) لابن عثيمين رحمه الله

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.