ރުކޫޢު ނުވަތަ ސަޖިދައިގައި ޤުރްއާން ކިޔެވިދާނެތަ؟

5003D8F4-66D7-4843-BE2D-BAD54E5975FD

ނަމާދަކީ އެއަޅުކަމާ ނުލާ އަޅުގަނޑުމެން މުސްލިމުންގެ އިސްލާމްކަން ފުރިހަމަ ނުވާއަޅުކަމެކެވެ. އެހެންކަމުން މިއަޅުކަމާ ބެހޭ ވީހާވެސް ގިނަ މަޢުލޫމާތު ހޯދައި އަޅުގަނޑުމެންގެ ދީނީ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަން ވާނެއެވެ.

ޝައްކެއްނެތް ގޮތުގައި ރުކޫޢު އާއި ސަޖިދައަކީ ނަމާދު ކުރާ މީހާ ހުއްޓި ހުންނަ މަޤާމުތަކުގެ ތެރެއިން ނުވަތަ ނަމާދުގެ ޙަރަކާތްތަކުގެ ތެރެއިން ވާ ވަރަށް މުހިންމު ދެ ޙަރަކާތެވެ.

މި ދެމަޤާމުގައި ކިޔުމަށް ސުންނަތުން ދުޢާތައް ވާރިދު ވެފައިވާއިރު އެދުޢާތައް ކިޔުމުގެ އިތުރަށް މި ދެ މަޤާމުގައި ޤުރްއާން ކިޔެވިދާނެތޯ ބައެއްފަރާތްތަކުގެ ހިތަށް އަރާފާނެއެވެ. މިކަމާ ގުޅޭ ޙަދީޘެއް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަބަވީ އިރުޝާދު ތަކުގެ ތެރޭގައި ފެންނަން އެބައޮތެވެ. އެއީ:

وَعَنِ ابْنِ عَبَّاسٍ - رضي الله عنه - قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم: «أَلَا وَإِنِّي نُهِيتُ أَنْ أَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا, فَأَمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ, وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ, فَقَمِنٌ أَنْ يُسْتَجَابَ لَكُمْ». رَوَاهُ مُسْلِمٌ. (ޞަޙީޙް)

މާނަ: "އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމާ ޙަދީޘް ކުރެއްވިއެވެ. " ހަމަކަށަވަރުން ރުކޫޢު ގައާއި ސަޖިދާގައި ޤުރްއާން ކިޔެވުން ތިމަންކަލޭގެފާނުގެ މައްޗަށް ވަނީ ނަހީ ކުރެއްވިގެންނެވެ. ފަހެ ރުކޫޢުގައި ތިޔަބައިމީހުންގެ ވެރި ރައްބު މަތިވެރި ކުރާށެވެ. އަދި ސަޖިދައިގައި ތިޔަބައިމީހުން ދުޢާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އެހެނީ، ސަޖިދައިގައި ކުރާ ދުޢާ އިޖާބަކުރެއްވުން ގާތެވެ. "

(މިއީ އިމާމް މުސްލިމް ރިވާ ކުރަށްވާފައިވާ ޙަދީޘެކެވެ.)

ރުކޫޢުގައި އަހަރެމެންގެ ވެރި ރައްބު މަތިވެރި ކުރުމަށް ޙަދީޘުގައި އެވަނީ އަންގަވާފައެވެ.  މާނައަކީ، ރުކޫޢުގައި ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ހައިބަވަންތަކަމާއި ހުރިހާ ކަމަކާއި ހުރިހާ އެއްޗަކަށްވުގެ އެއިލާހު މަތިވެރިވެގެންވާކަން ޛިކުރުކުރާށެވެ. އެހެނީ ރުކޫޢުގެ އަސްލަކީ މާތް ﷲ މަތިވެރިކޮށް ޛިކުރުކުރުމެވެ. އަދި ސަޖިދައިގައި ކުރަންވީ ކަމަކީ ދުޢާ ކުރުމެވެ. އެބަހީ: ސަޖިދާގައި ކިޔުން ވާޖިބުވެފައިވާ ދުޢާ ކިޔުމަށްފަހު، ވީހާވެސް ގިނައަކުން ދުޢާ ކުރާށެވެ. (ސަޖިދާގައި ކިޔުން ވާޖިބު ވަގެންވާ ދުޢާ އަކީ: "سبحان ربي الأعلى")

އެހެން ޙަދީޘެއްގައި ރަސޫލުﷲ ޞައްލައްﷲ ޢަލްއިހި ވަސައްލަމް ޙަދީޘް ކުރަށްވާފައި ވެއެވެ. أقرب ما يكون العبد من ربه وهو ساجدا

މާނަ: "އަޅާ، އޭނާގެ ވެރި ރައްބާ އެންމެ ގާތްވާހުށީ އޭނާ ސަޖިދައިގައި ވާ ވަގުތުގައެވެ."

އަދި ﷲގެ ޙަޟްރަތުގައި އެއިލާހުގެ އަޅާގެ ނިކަމެތިކަމާއި ޚުޝޫޢަތްތެރިކަމާއި ތަވާޟުއުވެރިކަމާއި ކިޔަމަންތެރިކަން ވެސް އެންމެ ބޮޑަށް ދައްކުވައިދެނީ، ހަށިގަނޑުގެ އެންމެ މަތީގައިވާ އޭނާގެ ބޯ ބިންމައްޗަށް ތިރިކޮށް އެއިލާހުގެ ޙަޟްރަތަށް ކުއްތަންވެ ސަޖިދަކުރާ ވަގުތުއެވެ.

މަތީގައި ޒިކުރު ކުރެވުނު ޙަދީޘުގައިވެސް ވާފަދައިން މިދެ މަޤާމުގައި ޤުރްއާން ކިޔެވުން ވަނީ ނަހީކުރިވިގެންނެވެ. ނަމަވެސް ަހީކުރެވިފައިވާ މި ޢަމަލު ކުރުމުން ނަމާދު ބާޠިލުވާނެތޯއެވެ؟ މިމައްސަލާގައި ދިރާސާ ކުރައްވައި ވާހަކަދައްކަވާފައިވާ ޢިލުމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިންގެ ރަޢުޔަކީ، އެފަދައިން ޢަމަލު ކުރިކަމުގައިވީނަމަވެސް އޭނާގެ ނަމާދު ބާޠިލުނުވާނެއެވެ. ސަބަބަކީ ޤުރްއާނަކީ ނަމާދުގައި ކިޔެވުން ޝަރުޢުވެގެންވާ އެއްޗަކަށް ވެފައި ޤުރްއާން ހިމެނެނީ އެ ޖިންސެއްގެ ޛިކުރުތައް ނަމާދުގައި ކުރުން ހުއްދަ ވާ ޛިކުރު ތަކުގެ ތެރޭގައެވެ. ނަމަވެސް އިބްނު ޙަޒްމު ފަދަ ބައެއް ޢިލްމުވެރިންގެ އަރިހުގައި، ރުކޫޢު ނުވަތަ ސަޖިދައިގައި ޤުރްއާން ކިޔަވައިފި ނަމަ ނަމާދު ބާޠިލު ވާނެއެވެ. އަދި މިއީ ޡާހިރީ މަޛްހަބުގެ އަހުލުވެރިންގެ ރަޢުޔެވެ. މިމަޛްހަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުން ރުކޫޢު ނުވަތަ ސަޖިދައިގައި ޤުރްއާން ކިޔެވުމަކީ ނަމާދުގައި ކުރެވޭ ފާފައެކެވެ. ފަހެ އެއާއެކު ނަމާދު ބާޠިލުވެގެން ދާނެއެވެ.

ރުކޫޢުގައި ނުވަތަ ސަޖިދައިގައި ޤުރްއާން ކިޔެވުމުން ނަމާދު ބާޠިލު ނުވާނެ ކަމަށް ގިނަ ޢިލްމުވެރިން ދެކިލެއްވި ނަމަވެސް އެޢިލްމުވެރިންވެސް މިކަމަށް ތަރުހީބެއް ނުދެއެވެ. އަދި އެކަމަށް ގޮވައެއްވެސް ނުލައްވައެވެ. މިދެ މަޤާމުގައި ޤުރްއާން ނުކިޔެވުމަށް ނަބަވީ އިރުޝާދުން އަންގަވާފައި ވުމުން ރުކޫޢުގައި އަދި ސަޖިދައިގައިވެސް ޤުރްއާން ނުކިއެވުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އޭގެ ބަދަލުގައި މިދެމަޤާމުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށްޓަކައި މި ދެ މަޤާމުގައި ކިޔަން ވާރިދުވެފައިވާ ދުޢާތަކާއި ޒިކުރުތައް ކިޔުމަށްފަހު އިތުރަށް ދުޢާ ކުރުމަކީ ވަރަށް ރަނގަޅުކަމަކަށް ވާނެއެވެ.

ދެން އުފެދޭ ސުވާލަކީ، ޤުރްއާނުގެ އެކިއެކި އާޔަތްތަކުގައި ބައިވަރު ދުޢާތައް އައިސްފައި އެބަހުއްޓެވެ. އޭގެއިން ދުޢާއެއް ރުކޫޢު ނުވަތަ ސަޖިދައިގައި ކިޔަވައިފިނަމަ މިދެމަޤާމުގައި ޤުރްއާން ކިޔެވި ކަމުގައި ވާނެތޯއެވެ؟ ނުވަތަ މި ދެ މަޤާމުންކުރެ މަޤާމެއްގައި އެފަދަ ދުޢާއެއް ކީދާނެތޯއެވެ؟

މަތީގައި ޒިކުރު ކުރެވުނު ޙަދީޘުން އެނގޭ ގޮތުގައި ނަމާދުގައި ޤުރްއާން ކިޔެވުން ވަނީ ނަހީ ކުރަށްވާފައެވެ. ހަމައެއާއެކު ސަޖިދާގައި ދުޢާކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. ޤުރްއާނުގައި އެތައްބައިވަރު ދުޢާއެއް ވާއިރު އޭގެއިން ދުޢާއެއް ސަޖިދާގައި ކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ.

މިސާލަކަށް: ﴿ وَمَا كَانَ قَوْلَهُمْ إِلَّا أَن قَالُوا رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴾ سورة آل عمران -147

މާނަ: "އަދި، އެއުރެންގެ ބަހެއްކަމުގައި އެއުރެން ދެންނެވުންމެނުވީ ނުވެއެވެ. އަޅަމެންގެ ވެރިރައްބެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، ކާފިރުވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!"

މިއީ ޤުރްއާނުގައިވާ ދުޢާއެކެވެ. ނަމާދުކުރާ މީހާ ސަޖިދަ ކުރުމަށްފަހު މިއާޔަތުގައިވާ ދުޢާ ކިޔުން ހުއްދައެވެ. އަދި މިދުޢާ ކުރުމަކުން އޭނާގެ ނަމާދަށް އުނިކަމެއް ނައަންނާނެއެވެ. ސަބަބަކީ އޭނާ ޤުރްއާނުން ބައެއް ކިޔެވީ ޤުރްއާން ކިޔެވުމުގެ ނިޔަތުގައި ކަމަށް ނުވާތީއެވެ. އެ އާޔަތް ކިޔުމުން އޭނާ ޤަޞްދުކުރީ ދުޢާކުރުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.