މަހްލޫފްއަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެއްކެއް ނުހޯދަން: ފުލުހުން

Mahloof

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައި ވަނީ، މަހުލޫފުގެ މައްސަލާގަައި ފުލުހުންނާ ގުޅިގެން މައްސަލައަށް ކޮންމެހެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހޯދަމުންދާ ކަމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެން ނޫސްވެރިޔަކު ފުލުހުންނާއި ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، މިނިސްޓަރު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އިތުރު އާ ހެއްކި ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

ނަމަވެސް ޕީޖީގެ އެދުމުގެ މަތިން ތަހުގީގުގައި ކުރީންވެސް ހޯދާފައިހުރި ބައެއް ހެކިތަކާއި ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން ޕީޖީން އެދިފައިވާތީ އެކަން ކުރިއަށް ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފުގެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ލަސްތަކެއް ވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، މަހުލޫފަށް ދައުވާކުރުން ލަސްވަނީ އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް އަދިވެސް ހެކި ނުހޯދޭތީކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުމުން އެކަމާއި ގުޅިގެން މިނިސްޓަރު މަހުލޫފް ވަނީ ދައުވާ ކުރާނެ ހެއްކެއް ނެތް ކަމަށް ތަކުރާރުކޮށް ބުނާ ވާހަކައިގެ ހަގީގަތް އިތުރަށް ޔަގީން ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި މިނިސްޓަރު މަޚްލޫފް ކުރިން ވަނީ އޭސީސީން އަމަލު ކުރަމުންދާ ގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ފާޑުވެސް ވިދާޅުވެފައެވެ. މިގޮތުން އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި ކަމަށް ހާމަކޮށް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޮޑު ބަޔާނެއް ނެރުނު ކަމަށާއި، ނަމަވެސް ޕީޖީއޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން އޭސީސީ އޮތީ ހަނުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާއި ގުޅިގެން މިނިސްޓަރު މަޚްލޫފްގެ މައްޗަށް ދައުވާކޮށް ދިނުމަށްއެދި އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ފޮނުވުމުން، ޕީޖީން ގޮތެއް ނިންމެވުމާއި ހަމައަށް، ހަމައެދުވަހު ރައީސް ޞާލިޙް ވަނީ، މަޚްލޫފް މަސައްކަތުން އެކަހެރިކޮށްފައެވެ. ނަމަވެސް އެ މައްސަލާގައި އަދިވެސް މަޚްލޫފްގެ މައްޗަށް ދައުވާ އުފުލާފައި ނުވާއިރު އަދިވެސް އޭނާ ހުންނެވީ މަސައްކަތުން އެކަހެރިކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި