އިޓަލީގެ ސަސުއޯލޯއަށް ކުޅެމުންއައި މެނުއަލް ލޮކަޓެއްލީ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއާއި ގުޅިއްޖެއެވެ.

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީއަށް ކާމިޔާބު ކޮށްދިނުމުގައި އިޓަލީގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 23 އަހަރުގެ ލޮކަޓެއްލީ ޔުވެންޓަސްއާއި ގުޅިފައި މިވަނީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ ޔުވެންޓަސްގައި 2023 އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްގައި މަޑު ކުރާނެއެވެ. އެއަށްފަހު ޔުވެންޓަސްއިން އޭނާ އެ ކުލަބުގައި ދާއިމީކުރަން ބޭނުން ވެއްޖެނަމަ 37.5 މިލިއަން ޔޫރޯ ޚަރަދުކޮށްގެން އޭނާ ދާއިމީ ކުރެވޭނެއެވެ.

Ad
rt

ލޮކަޓެއްލީ އިޓަލީގެ ސަސުއޯލޯއާއި ގުޅިފައި ވަނީ އޭސީ މިލާނުން ލޯނު އެއްބަސްވުމެއްގެ ދަށުން 2018 ވަނަ އަހަރުއެވެ. ނަމަވެސް ސަސުއޯލޯއިން ވަނީ އޭނާގެ އެއްބަސްވުން އެއް ސީޒަނށްފަހު އައުކޮށް އެ ޓީމްގެ ކުޅުންތެރިއަކަށް ހަދާފައެވެ.

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާއިއެކު ޔޫރަޕްގެ ބައެއް ބޮޑެތި ކުލަބުތަކުން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރާކަމުގެ އަޑުތައް ގަދަވެގެން ދިޔައެވެ. މިގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް އަދި ލިވަޕޫލުން ވެސް އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ނިމިދިޔަ ޔޫރޯގައި ލޮކަޓެއްލީ ވަނީ އިޓަލީއަށް ފަސް މެޗު ކުޅެދީ ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ. އިޓާލިއަން ސީރިއާ އޭ މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ޔުވެންޓަސް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރަށުން ބޭރުގައި އުދިނޭޒީއާއެވެ.