އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 17 އިންސައްތަ ދަށްވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނީ 242 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނީ 293 މިލިއަން ރުފިޔާއެވެ.

Ad
rt

އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ މިދިޔަ މަހު އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓް ކުރި މުދާ ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު 2.8 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު މިދިޔަ އަހަރުގެ ޖުލައި މަހު އެތެރެ ކުރީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިއަހަރު 219 މިލިއަންރުފިޔާގެ މުދާ ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު މިދިޔަ އަހަރު ފޮނުވީ 203 މިލިއަން ރުފިޔާގެ މުދަލެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާއިންނެވެ. އެއީ 434 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާއިރު ރޯޔަލްޓީގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބުނެވެ.