ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކުރައްވައިފިއެވެ.

މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާ ހަވާލުކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) އަތުހަރު މުޚްތާރު އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙުއެވެ.

Ad
rt

ސީއެސްސީން ވިދާޅުވާ ގޮތުގައި، މި ތަކެތީގެ ތެރޭގައި ހިމެނެނީ "75 ސްމާރޓް ޓީވީއާއި، 16 ކޮމްޕިއުޓަރ ސިސްޓަމްއާއި، 6 މޮނިޓަރ އަދި 3 ލެޕްޓޮޕެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ރައީސް މުޙައްމަދު ނާޞިޙު ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ އޮންނަ ގާތްގުޅުމަށް އަލިއަޅުވާލައްވައި، ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނު ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވައި، އަދި ސިވިލް ސަރވިސް ކޮމިޝަނާއެކު ޕާކިސްތާނު ހައިކޮމިޝަނުން ބާއްވާ ގާތްގުޅުން ފާހަގަކުރައްވާފައި ކަމަށް ސީއެސްސީން ވިދާޅުވެއެވެ.

މީގެއިތުރުން ސީއެސްސީގެ ރައީސް ވަނީ މި ތަކެތީގެ ސަބަބުން ސިވިލް ސަރވިސް އަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަތީ ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދޭ ސަރވިސްއަކަށް ހެދުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ފާހަގަ ކުރައްވާފައެވެ. އަދި މި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ސީއެސްސީއިން ދެމުން ގެންދާ ޚިދުމަތްތައް ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދިނުމަށް މަގުފަހިވެ، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމަށް ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނު ސަރުކާރުން އިއްޔެ ހަވާލުކުރެއްވި ތަކެއްޗަކީ ސިވިލް ސަރވިސް ކޮމިޝަނުން، ދިވެހި ސިވިލް ސަރވިސް އިތުރަށް ތަރައްގީކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނު ސަރުކާރުން ދެއްވި އެހީއެއް ކަމަށް ވެސް ސީއެސްސީއިން ވިދާޅުވެއެވެ.