އަފްޤާނިސްތާންގެ ރައީސް އަޝްރަފް ޤަނީ، ޤައުމު ދޫކޮށް ފިލީ 4 ކާރާއި ހެލިކޮޕްޓަރެއް ފުރެންދެން ފައިސާ ހިފައިގެންކަމަށް ރިއާ ނިއުސް އޭޖެންސީއާއި ހަވާލާދީ ރޮއިޓަރސްއިން ބުނެފި އެވެ.
ކާބުލްގައި ހުންނަ ރަޝިޔާގެ އެމްބަސީއިން ހާމަކޮށްފައިވާ ގޮތުގައި އަފްޤާނިސްތާނުގެ ރައީސް އަޝްރަފް ޤަނީ ފުރާވަޑައިގެންފައިވަނީ 4 ކާރާއި އަދި ހެލިކޮޕްޓަރެއް ފުރާ ފައިސާ ހިފައިގެންކަމަށާއި ބާކީ ހުރި ފައިސާ ނުގެންދެވިފައިވަނީ ގެންދެވޭނެ އިންތިޒާމެއް ހަމަޖެހިފައިނެތުމުންކަމަށެވެ.
އަފްޤާނިސްތާނުގެ ރައީސް ފުރާވަޑައިގެންފައި މިވަނީ ތާލިބާނުން ކާބުލްއަށް އިއްޔެ އެރުމުންނެވެ. ޤަނީ ފުރާވަޑައިގެންފައިވަނީ އުޒްބަކިސްތާންއަށެވެ. އޭނާ ޤައުމު ދޫކުރައްވާ ފުރާފައިވަނީ، ލޭއޮހޮރުވުމަކަށް ޤައުމުގެ ހާލަތުދިޔަ ނުދިނުމަށްކަމަށް ބުނެއެވެ.
ކާބުލްގައި ހުންނަ ރަޝިއާ އެމްބަސީން ބުނެފައިވަނީ ރަޝިއާއިން ކާބުލްގައި ދެމި ތިބޭނެކަމަށާއި އެމީހުން މަސައްކަތްކުރާނީ ތާލިބާނުންނާއި ގުޅިގެންކަމަށާއި ނަމަވެސް ތާލިބާނުންނަކީ އަފްޤާނިސްތާނުގެ ވެރިކަން ކުރާ މީހުންކަމުގައި ނުބަލާނެކަމަށެވެ.
ރަޝިއާ އެމްބަސީގެ ސްޕޯކްސް ޕާރސަން ބުނެފައިވަނީ ޤަނީ ފުރާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައިކަމަށެވެ. މަންޒަރު ދުށް މީހެއްގެ ހައިސިއްޔަތުން ނިކިޓާ އިޝެންކޯ ބުނެފައިވަނީ 4 ކާރު ފުރާ ފައިސާ ބަރުކޮށް ބާކީ ހުރި ފައިސާ ހެލިކޮށްޕްޓަރަށް ބަރުކޮށް ފައިވާކަމަށާއި އަދި ބާކީ ހުރި ފައިސާ ރަންވޭ މަތީގައި ހުރިތަން ފެނިފައިވާކަމަށެވެ.
ރައީސް އަޝްރަފް ޤަނީ ގެންގޮސްފައި މިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން އެނގިފައި ނުވާކަމަށް އަފްޤާނިސްތާނުގައި ހުރި، ރަޝިއާގެ ރައީސް ވިލާޑްމިރް ޕުޓިންގެ ޚާއްސަ ރެޕްރެޒެންޓޭޓިވް ކަބުލޮވް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އަފްޤާނިސްތާން ސަރުކާރު ޤައުމުގެ ބަޖެޓް އެއްކޮށް ގެންގޮސްފައިނުވާނެކަމަށް އުންމީދުކުރާކަމަށެވެ. އެއީ އެކަމުގެ ސަބަބުން ޤައުމަށް އިތުރު ނުރައްކާތެކެއް ކުރިމަތިވާނެކަމެއް ކަމުގައި ދެކޭތީވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!