މޭ ހަ ވަނަ ދުވަހުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ)ގެ މެންބަރުންނާ މަޝްވަރާކޮށްފިއެވެ.

ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ)ގެ މެންބަރުންނާއި ރައީސް ސޯލިހް ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހު، ރައީސް އޮފީހުގަ އެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

Ad
rt

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމެންޑޭޝަންތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައިވާ ކަމަށެވެ.

އަދި ރިޕޯޓުގައި ބަޔާންކޮށްފައިވާ 45 ރިކޮމެންޑޭޝަންގެ ތެރެއިން 38 ކަމަކީ މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތައް ކަމަށް ބުނި ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ މި އިންކުއަރީ ރިޕޯޓު އެކުލަވާލީ 17 މެއި 2021 ގައި ބޭއްވި މަޖިލިސް ޖަލްސާގައި އިގްރާރު ވެފައިވާ ގޮތަށް، 241 ކޮމިޓީގެ އިސް ނެގުމަށެވެ.