ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް ކުރީގެ ފީޝަރީޒް މިނިސްޓަރު، ޒަހާ ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޒަހާ ވަޙީދު މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Ad
rt

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ޒަހާ ވަނީ މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމް ފުރުއްވާފައެވެ. ޒަހާ އެ މަގާމުން އިސްތިއުފާދެއްވީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އޭގެ ކުރީގައިވެސް ޒަހާ ވަނީ ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ވަޙީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސަރވިސް ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ފުރުއްވާފައިވެއެވެ.

ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

ޒަހާ އަކީ ވެރިކަންކުރާ ކޯލިޝަންގެ އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.