ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ކޮމްޕްރޮމައިޒްކުރަން ޖެހޭ ފަދަ ލިޔުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދޮގުކުރައްވައިފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ކޮމްޕްރޮމައިޒްކުރަން ޖެހޭ ކަހަލަ އެއްވެސް ލިޔުމެއް ނުވަތަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނޯންނާނެ ކަމަށާއި، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

Ad
rt

އަދި އެފަދަ އެއްވެސް އެއްޗެއް އޮތް ނަމަ ހާމަކުރެއްވުމަށް ވެސް އެމަނިކުފާނު ވަނީ ޗެލެންޗް ކުރައްވާފައެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އެކަމުގެ ދައުވާ އުފުލާ ޝަރީއަތް ކުރިއަށްދާއިރު، ރާއްޖެއިން ބޭރުގައި އަލީ ވަހީދު ހުންނަވާތީ އެ މައްސަލަ ބޮޑުވެފައިވާއިރު، އޭނާގެ ޕާސްޕޯޓު ދޫކުރި މުއްދަތު ވެސް ވަނީ ހަމަވެފައެވެ.

އެކަމަކު އެ މައްސަލާގައި ސަރުކާރުން ބަހެއް ނުބުނެ، އޭނާ އަނބުރާ ގެންނަން މަސައްކަތެއް ނުކުރާ ކަމަށާއި، އެކަން އެހެން އޮތީ އޭނާ އަތުގައި ރައީސް ގެ ކޮންފިޑެންޝަލް ލިޔުންތަކެއް ހުރުމުން ކަމަށް ދަނީ ވާހަކަދެކެވެމުންނެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ އެ މައްސަލަ ލިބުމާއެކު މުވައްޒަފުންނާ ބައްދަލުކޮށް ޖެންޑަރ މިނިސްޓަރ އާ ވެސް ބައްދަލުކުރައްވާ މަގާޟުގެ ހައިސިއްޔަތުން އެ ވަގުތު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުއްވި ކަމަށެވެ. އަދި މިހާރު ޝަރީއަތުގެ މަރުހަލާ ކުރިއަށްދާއިރު އޭގެ ތެރެއަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.