އެމްޕީއެލްގެ މުވައްޒަފަކު ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެއެވެ.
އެމްޕީއެލްއިން ބުނީ އެ ހާދިސާ ހިނގީ މިރޭ 9:30 ހާއިރު ކަމަށެވެ.
އެމީހާ ވެއްޓުނީ ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައިގެން ކަމަށެވެ. އޭނާ ވެއްޓުނީ ތިރީގައި ހުރި ކޮންޓެއިނަރު މައްޗަށް ކަމަށާއި ދެ ކޮންޓެއިނަރު ދޭތެރޭ ހުރީ 10 ފޫޓު ކަމަށް ބުންޏެވެ.
އެ ހާދިސާގައި އެމީހާގެ ކަނާއަތު އޮޅުމުށި ނެއްޓިިފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި އެހާދިސާ ހިނގިތާ 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް އެމްޕީއެލްގެ މެޑިކަލްސްއިން ގެންދިޔަ ކަމަށް ބުންޏެވެ.
އެމީހާގެ މިހާރު ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުންދާ ކަމަށް ބުންޏެވެ.
ހާދިސާ ހިނގި އިރު މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް (ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!