ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުން މުޖުތަމައުއަށް ދޫކޮށްލާއިރު އެމީހުންގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް ފައިގަ އަޅުވާ "މޮނިކޮން ޓެގު" ރާއްޖެއިން ހުސްވެއްޖެއެވެ.
ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން ބެލުމަށް އެޕާޓީން އުފައްދާފައިވާ މޭ 6 ކޮމިޓީގެ މުގައްރިރު ހަސަން އަފީފް ވަނީ ފުލުހުންނާ ހަވާލާދީ އެކަން ހާމަކުރައްވާފައެވެ.
އޭނާ ވިދާޅުވިގޮތުގައި ހޯމް މިނިސްޓަރ ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އަދި ތެޣު ހޯދުން މި އހަރުގެ ބަޖެޓުގައި ހިމެނިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓެގު ހުސްވެފައިވީ ނަމަވެސް މޮނިކޮން އަމުރުގެ ދަށުން މުޖުތަމައުއަށް ދޫކުރާ މީހުންގެ ކަންކަން ގާތުން ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި 100 ޓެގު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި ބަޖެޓުން ބޭރުން ވެސް އެކަން ކުރުން މުހިންމު ކަމުގައި ވިދާޅުވިއެވެ.
އަފީފް މިހެން ވިދާޅުވި އިރު ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނާއި އެފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން އެއްވެސް ރައްކާތެރިކަމެއް ނެތި މުޖުތަމައު ތެރެއަށް ދޫކުރާ މައްސަލަތައް ވަނީ ބޮޑުވެފައެވެ.
އެގޮތުން ދާދި ފަހުން ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ބަލާއިރު، އެ ހަމަލާގައި މިހާތަނަށް ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ތަހުމީން އަހުމަދަކީ މީގެ ކުރިން ހަމަ އެފަދަ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނުކޮށް ރައީސުލްޖުމްހޫރިއްޔާ މިނިވަންކުރި މީހެކެވެ.
އަދި އަލީ ހައިޝަމް އަކީ ވެސް މަހިބަދޫގައި ލޯންޗެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލި މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!