މިދިޔަ މޭމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ދޫކޮށްލައިފި އެވެ.

އެ ހަމަލާގައި އޭނާ ހައްޔަރުކުރީ މޭ މަހުގެ 20 ވަނަ ދުވަހު ބ. ދަރަވަންދޫއިންނެވެ.

Ad
rt

ފާތިހުއަށް ތުހުމަތު ކުރެވުނީ ހަމަލާގައި ބައިވެރިވި މީހުންނަށް ފިލަން އެހީތެރިވި ކަމުގައެވެ. އެކަމަކު އޭނާގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން އޭނާގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. އެހެންވެ ފުލުހުން އޭނާ ދޫކޮށްލާފައިވާއިރު، އޭނާގެ ހަރަކާތްތައް ގާތުން ބެލޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ހަމަލާގެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ބޮން ގޮއްވާލި އަދުހަމް އަހުމަދާއި، ބޮން ތައްޔާރުކޮށް އެ އުފުލި އަލި ހައިޝަމް އަދި ތަހުމީން އަހުމަދުގެ އިތުރުން، ބޮން ގޮއްވާލުމަށް ފަހު އަދުހަމް އަށް ފިލަން އެހީތެރިވެދިން މުޖާޒު އަހުމަދެވެ.

މި މައްސަލާގައި ފާތިހުގެ މައްޗަށް ދައުވާ ނޫފުލި ނަމަވެސް އޭނާގެ މައްޗަށް ކުރާ ތަހުގީގު އަދި ނުނިމޭކަން ޕީޖީ ފާހަގަކުރައްވާފައިވެއެވެ. އަދި އެކަށީގެންވާ ހެކި ލިބިއްޖެ ނަމަ ދައުވާ އުފުލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފާތިހު އަކީ މީގެ ކުރިން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި މީހެކެވެ.