ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު ކަމަށްވާ، ކިނބިގަސްދޮށުގެ އަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ކިނބިގަސްދޮށުގެ ބޭރުގައި ހުރި ގަސްތަކަކަށް ޖާބިރު ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ އެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ޖާބިރު އެގޭ ކުރިމަތުގައި ހުރެ އެ ގޭ އިމުގެ ތެރޭގައި ހައްދާފައި ހުރި ބައެއް ގަސްތަކަށް ގެއްލުންދޭ މަންޒަރު ފެނެއެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެގޭގެ ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޖާބިރު ކިނބިގަސްދޮށުގެ އަށް ވަޑައިގެން އެ ގޭ ކުރިމަތީގައި ހުރެ ބަޔާނެއް އިއްވާފައިވެއެވެ. އޭނާ ބަޔާން އިއްވެވީ ރިޔާސީ އިންތިހާބަށް ޖާބިރު އަތުން ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާ ދައްކަވާފައިނުވާތީ އެ ގެއާއި ހަވާލުވުމަށް ކަމަށް އޭނާ ވަނީ އެދުވަހު ވިދާޅުވެފައެވެ.

ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައިވެސް އިހުތިޖާޖް ކުރައްވާފައެވެ. އެ ދުވަހު އޭނާ އިހްތިޖާޖް ކުރެއްވީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާތީއެވެ.

ޕާސްޕޯޓް ދޫކޮށްލުމުން ޖާބިރު މިއަދު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާފައެވެ.