ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން އަންނަ ވެކްސިންގެ 65 އިންސައްތަ މިހާތަނަށް ފުރިހަމަ ކޮށްފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށުގެ ތެރެއިން 34 ރަށެއްގެ މީހުން ކަމުގައި ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ

ވެކްސިންޖެހޭ އުމުރުގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް އަވަހަށް ފުރިހަމަކޮށް ކޯވިޑުން ރައްކާތެރި މުޖުތަމައެއް ހޯދުމަށް އާންމުންގެ ފަރާތުން ސަރުކާރުން ވަނީ ދާދި ފަހުން އެދިލައްވާފަ އެވެ.

Ad
rt

މިއަދާއި ހަމައަށް ރާއްޖޭގައި 325،060 މީހަކު ކޯވިޑްގެ ވެކްސިން ޖަހާފައިވާއިރު، އޭގެތެރެއިން 2 ޑޯޒް ފުރިހަމަ ކޮށްފައިވަނީ 274،949 މީހުންނެވެ. ރާއްޖޭގައި ޖަހާފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިނާއި ސިނޯފާމް ވެކްސިންގެ އިތުރުން އެކްސްޓްރަޒަނިކާ ވެކްސިނެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައި ވަނީ ވ. ތިނަދޫއިންނެވެ. އެ ރަށުން ވަނީ އާބާދީގެ 77 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައެވެ. އެންމެ މަދުން ވެކްސިން ފުރިހަމަ ކޮށްފައިވަނީ ގއ. ދާންދޫގަ އެވެ. އެރަށުން ވެކްސިން ފުރިހަމަކޮށްފައި ވަނީ އާބާދީގެ 9 އިންސައްތަ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 77758 ފަރާތެއް މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 75065 ފަރާތެއް ވަނީ މި ބަލިން ފަސޭހަވެފައެވެ. މި ބަލީގައި މިހާތަނަށް 222 މީހަކު ވަނީ ނިޔާވެފަ އެވެ. ރާއްޖޭގައި މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 2459 އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެބިނެޓުގެ މެމްބަރުންނާއިއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ސަރުކާރާއި ކަމާގުޅުންހުރި ފަރާތްތަކުން ކޯވިޑް ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތާއިއެކު ރާއްޖޭގެ ހާލަތު މިވަގުތު "ނިއު ނޯމަލް" އަށް އައިސްފައިވާ ކަމަށެވެ.