ކޯވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތްތަކާއިއެކު ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" އަކަށް ގެނައުމަށް ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާލުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަން ކަމަށެވެ.
ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ކޯވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި، އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެއިން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކޯވިޑް ވެކްސިންގެ ދެ ޑޯޒް 271552 ފަރާތަކުން ފުރިހަމަ ކޮށްފައިވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!