ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި އޮގަސްޓުމަހު ހަމަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މުޅިން އަލަށް ދޭން ފެށޭ މި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ.

Ad
rt

"ފޯމު ހުށަހެޅުން" އޮންލައިން ޕޯޓަލް މެދުވެރިކޮށްގެންނާއި، ރައީސް އޮފީހަށް ވަކިން ފޯމު ހުށަހަޅުއްވައިގެން ނަން ހުށަހެޅޭނެކަމަށް އެ އޮފީހުން ހާމަކުރެއްވިއެވެ. އަދި އިނާމަށް އެދި ހުށަހަޅާ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމު ފުރިހަމަ ކުރުމަށް ފަހު ނަންހުށަހެޅުމުގެ ސުންގަޑީގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި މެންދުރުފަހު 2:00 އާ ދެމެދު ލިޔުމުން އިނާމަށް ހުށަހަޅާ ފޯމުތައް އެ އޮފީހުން ބަލައިގަންނާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ޝަރުތަކުގެ ތެރޭގައި އިނާމަށް ނަން ހުށަހަޅާ މީހަކީ ސަރުކާރުގެ ކުންފުންޏެއް ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.

މި އިނާމު ލިބިގެންދާނީ އިނާމު ހައްގުވާ މުވައްޒަފެއްގެ ނަން އެ މީހަކު މަސައްކަތްކުރާ މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ޤާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތައް، އިނާމު ދިނުމަށް ކަނޑައެޅުމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވާނެ އެވެ.

އަދި އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަޤީން ކުރުމާއި މުވައްޒަފު މަސައްކަތްކުރާ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް އިނާމު ދިނުމަށް ކަނޑައެޅުމުގައި އެ ކޮމިޓީން ބައްލަވާނެއެވެ.

މީގެ އިތުރުން، އިނާމަށް ނަން ހުށަހެޅޭ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އެމީހާގެ މައްޗަށް ޝަރުޢީގޮތުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވާން ޖެހުން އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ އަސާސީ ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.