އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަލަށް ގެނައި އިސްލާހާއެކު އެ މިނިސްޓްރީ ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސެންސެއް އޮތް މީހުންނަށް، އެ ޤާނޫނުގައި ބަޔާންކުރާ އިމްތިހާން ހެދުމަކައި ނުލާ ދާއިމީ ލައިސެންސް ދޫކުރެވޭނެ ކަމަށެވެ.
އެގޮތުން، އެ މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 25 ގައުމެއްގެ މީހުންނަށެވެ.
އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އަފްޣާނިސްތާން، ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޯ، ތައިލެންޑް އަދި ވިއެޓްނާމްއެވެ.
މި ލިސްޓްގައި ހިމެނޭ އިތުރު ގައުމުތަކަކީ، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔޫއޭއީ، ސްވިޓްޒަލެންޑް، ސަޢުދީ ޢަރަބިޔާ، ބެލްޖިއަމް އަދި ޖާމަނީ އެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އައު އިސްލާހާއެކު މި ޤައުމުތަކުން ދޫކުރެވިފައިވާ ޞައްޙަ ލައިސެންސް އޮތް ފަރާތްތަކަށް އެއްވެސް އިމްތިހާނަކާ ނުލައި ރާއްޖޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިމީ ލައިސެންސް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!