މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނަގައި މަގުތައް ސާފުކުރުމަށް ހަމަޖެހިފައިވާކަމުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މާލޭ ސިޓީގެ މަގުމަތީގައި ހިނގާބިނގާވެއުޅޭ ފަރާތްތަކަށާއި ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ ވެހިކަލްތައް އެ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
02 އޯގަސްޓް 2021 ވަނަ ދުވަހުން ފެށިގެން ބަޔާންވެދިޔަ ވެހިކަލްތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެފަދަ ގޮތްގޮތަށް ހުރި ވެހިކަލްތައް އެ ވެހިކަލްތަކުގެ ވެރިފަރާތުން ނެގުމަށް ވެސް މާލޭ ސިޓީ ކައުންސިލު ވަނީ އަންގާފައެވެ.
އެފަދަ ވެހިކަލްތައް ނުނަގާ ހުރިނަމަ ކަނޑައެޅިފައިވާ ތާރީޚުން ފެށިގެން އެއްގަމު އުޅަނދުފަހަރު ޤަވައިދު ނަމްބަރު R-1/2012 "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ޤަވައިދު" ގެ ހަވަނަ ނަމްބަރުގެ ދަށުން ނަގައި އެ ވެހިކަލެއް ނައްތާލެވޭނެ ކަމުގައި ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ބަޔާންވެދިޔަ ގޮތްގޮތަށް މާލޭގެ މަގުތަކުގައި ހުރި ވެހިކަލްތައް ނެގުމުގެ ތެރޭގައްޔާއި ނެގުމަށް ފަހު ވެސް އެ އުޅަނދަކަށް ލިބޭ ގެއްލުމާއި އުނި އިތުރަށް މާލޭ ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!