ޢާއިލީ ގުޅުންތައް

753CF8A8-3F2E-4C0A-8C9B-778DADBFCE76

ޢާއިލީ ގުޅުމަކީ ދެ ބަޔަކަށް ބެހިދާނެ ގުޅުމެކެވެ. ހިއްސީ ގުޅުމަކާއި މައުނަވީ ގުޅުމެކެވެ. މައުނަވީ ގުޅުމަށް ބަލާއިރު، سبحانه وتعالى ވަޙީކުރައްވަނީ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ (الحجرات:١٠) މާނައީ: "މުއުމިނުންވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ." މި ގުޅުމަކީ ދުނިޔެއާއި އާޚިރަތުގައި ވެސް ކެނޑީ ނުދާނެ ގުޅުމެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ކަމުގައި ވިޔަސް މުއުމިނުންގެ ޢާއިލާއަކީ އެއްބަނޑުއެއްބަފާ ގުޅުމެއް އެމީހުންގެ މެދުގައި ދާއިމަށް އޮންނާނެ ގުޅުމެވެ.

މުއުމިނުން ސިފަކުރެއްވުމުގައި تعالى އެ މިސާލު ޖެއްސެވީ ޢާއިލީ ހިއްސީ ގުޅުމުންނެއެވެ. މިއީ ކީތިރި ޤުރުއާނުގެ ބަލާޣީ  އުސްލޫބެކެވެ. އިސްލާމްދީނުގެ ކޮންމެ ކަމެއް ވެސް ގުޅިފައިވަނީ އުޚްރަވީ ޙަޔާތާ ކަމުން އުޚްރަވީ ކަންކަމަށް މީހުން ތަންބީހުކުރަން (އެލާރޓް ކުރަން) ﷲ މިސާލު ޖައްސަވަނީ ދުނިޔަވީ ކަންކަމުންނެވެ.

ހިއްސީ މާނައިގައި ޢާއިލީ ގުޅުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބަލައިލެވިދާނެ މައުޟޫއެކެވެ. އޭގެ ގުޅުންތަކަކީ ގަހެއްގެ މޫފަދައި ވަރަށް ދުރަށް ދުވެފައި އޮންނައެއްޗެކެވެ. ތިމާގެ ޢުމުރުގެ ބޮޑުބައެއް ހޭދަވާފަހުން ބައްދަލުވާ ކޮންމެސް މީހަކީ އެގޮތުން ނޫނީ މިގޮތުން ގޮސް ކޮންމެސް ގޮތަކުން ޢާއިލީ މީހެއްކަން އެނގޭ ފަހަރު ވެސް މަދެއްނޫނެވެ. އެހާ ދުވަސް ފަހުން ވެސް އޭނާއާ ތިމާއާ ޢާއިލީ ގުޅުމެއް އޮންނަކަން އެނގުމުން ކޮންމެ މީހަކު ވެސް އުފާވާނެއެވެ.

ކާވެނި ކުރުމަކުން އަދި ޢާއިލާއަކަށް ނުވެއެވެ. އެހެނަސް އޭގެސަބަބުން ގުޅުން ތަކެއް އުފެދެއެވެ. އެގޮތުން ކާވެންޏެއްގައި ދެ މީހަކު ޖިމާޢު ވެއްޖެނަމަ، ދެ މީހުންގެ މަންމަ އާއި ބައްޕަ އެއީ އަނެކާގެ ވެސް މަންމައާއި ބައްޕަ ކަމުގައި ވެދެއެވެ. އަދި އޭގެ ސަބަބުން އެ މަންމައާއި ބައްޕައަކީ އަބަދަށް ކާވެނި ޙަރާމް މަހުރަމުން ކަމުގައި ވެގެން ދެއެވެ. ޢާއިލާއެއްގެ ސިފަ ކާވެންޏެއްގައި ޖެހެނީ ކާވެނީގެ ގަހުގައި މޭވާ އެޅުމުންނެވެ. އާދެ ދަރިން ލިބުމުންނެވެ.

ދަރިން ލިބުމާއެކު ޢާއިލާއެއްގެ ގޮތުގައި އުފެދިގެން އަންނަ ގުޅުން ތަކަށް ނަޒަރެއް ހިންގާލާއިރު ޢާއިލާއަކީ މަންމަ އަކާއި ބައްޕައަކާއި ދަރިފުޅެކެވެ. އެހެންކަމުން އެއީ މައިންބަފައިންނާ ދަރިންނާ އޮންނަ ގުޅުމެވެ. އެ ގުޅުމުގެ ތެރޭގައި މާމައާއި ކާފައާ އެކު މާމަދަރިންނާއި ކާފަދަރިންގެ މެދުގައި އުފެދިގެން އަންނަ ގުޅުމަކީ ވެސް ޢާއިލީ ގުޅުމެވެ. އޭގައި ދެ ފަރާތު ދެ ކާފަޔާއި ދެ މާމަ ވެސް ހިމެނޭ ގޮތަށެވެ. ދުވަސްކޮޅަކުން އެހެން ދަރިއެއް ޢާއިލާއަށް އިތުރުވެއްޖެނަމަ އެ ފެށެނީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމެވެ. އަދި ދެ ބަނޑަށް ދަރިން ލިބިއްޖެނަމަ އެއްބަފާ ކުދިންގެ ގުޅުމެއް ވެސް އޮންނާނެނޫންތޯއެވެ؟ހަމަ އެހެންމެ ޢާއިލާއެއް ރޫޅިގެން ގޮސް މަންމަ އެހެން ކާވެންޏެއް ކޮށްފިނަމަ އެއްބަނޑު ކަމުގެ ގުޅުމެއް ދަރިންގެ މެދުގައި އުފެދެއެވެ. އަދި މި ޙާލަތުގައި އުފެދޭ އިތުރު ގުޅުމެއްގެ ގޮތުގައި ދޮންދަރިންގެ ގުޅުމާއި، ދޮންމަންމަ ނުވަތަ ދޮންބައްޕައާ ދެމެދު އޮންނަ ގުޅުން ވެސް ހިމެނެނީ ޢާއިލީ ގުޅުންތަކުގެތެރޭގައެވެ.

ބަޔާން ވެ މި ދިޔައީ ޢާއިލީ ގުޅުމުގެ ޗެއިނު ނުވަތަ ސިލްސިލާގައި އޭގެ ބޮޅުތައް މެހެމުން އަންނަގޮތެވެ. އެއީ އަސްލު ޢާއިލާއެވެ. މި ގުޅުން ތަކުގެ ސަބަބުން ކާވެނި ޙަރާމް ވެގެންއާދެއެވެ. ކާވެނި ޙަރާމްވާ ގުޅުންތަކުގެ ލިސްޓަށް ބޮޑުދައިތައިންނާއި، ބޮޑުބޭބެއިން ވެސް ވަންނާނެއެވެ. އަދި ހަމަ މި ލިސްޓުން ޖާގަ ހޯދާ އަނެއް ބަޔަކީ ކިރުގެ ގޮތުން ތިމާގެވާ އެންމެންނެވެ. ކިރުދޭ މީހާ އެއީ ކިރުމައިމީހާއެވެ. އަދި އޭނާގެ ފިރިމީހާ އެއީ ކިރުގެ ގޮތުން އޭނާގެ ބައްޕަގެ މަޤާމުލިބޭ މީހާއެވެ. އެ ދެމަފިރިންގެ ދަރިން ތިބިނަމަ އެކުދިންވާނީ ކިރުގެ ގޮތުން އެއްބަނޑު އެއްބަފާ އަޚުންނާއި އުޚްތުންނަށެވެ.

ދެން އޮތީ ގާތް ތިމާގެ ކަމުގެ ގުޅުމެވެ. އެއީ ބޮޑުދައިތަ ދަރިންނާއި، ބޮޑުބޭބެ ދަރިންގެ ވާހަކައެވެ. ދެބެންގެދެދަރި ކުދިންނެވެ. އިނގިރޭސިބަހުންނަމަ ކަސިންސް އެވެ. އެމީހުންގެ މުޅި ޢާއިލާ އެއީ އަނެއް ޢާއިލާއަށް ގާތް ތިމާގެ މީހުންނެވެ. މި ދުރުމިނުގެ މީހުންނާ ކާވެނި ކުރުމަކީ ހުއްދަ ކަމެކެވެ. އެއީ މަޙުރަމުންނެއް ނޫނެވެ. އެހެންކަމުން މަޙުރަމުން ނޫން މީހުންގެ މައްޗަށް ޙަރާމްވާ ހުރިހާ ކަމެއް މި އެންމެންގެ މައްޗަށް ޙަރާމްވެގެން ވާނެއެވެ.

ދެން އެއަށް ފަހު އޮތީ ދުރުތާ ތިމާގެ މީހުންގެ ވާހަކައެވެ. ކުރިން މިދެންނެވި ލިސްޓުތަކުގެ ތިރިން ޢާއިލާ ދެމިގެން ދިގުވެގެން ދާ ދިޔުމުގައި އެ ތިބޭ އެންމެންނަކީ މުޅިންވެސް ދުރުތާ ތިމާގެ މީހުންނެވެ. ބޮޑުދައިތަ ފަރާތުގެ ނުވަތަ ބޮޑުބޭބެ ފަރާތުގެ ދަރިންގެ ދަރިން ކިތަންމެ ތިރިޔަށް ދިޔަކަމުގައި ވިޔަސް މެއެވެ. މިމީހުންނަކީ ގާތް ތިމާގެ މީހުންނަށް ވުރެވެސް ދުރު ބައެއްކަމުވައި ވާތީ މި އެންމެންނާ ވެސް ގާތް ކަން ބާއްވަން ވާނީ ހިލޭ މީހުންނާ ވެސް ގާތްވެ އުޅޭ މިންވަރަށެވެ.

އަދި ހަމަ އެގޮތަށް ޢާއިލާ ތެރެއަށް ވަންނަ ބައެއް ކަމުގައި އޮންނަ އެހެން ގުޅުމަކީ ޅިޔަން ފަހަރި ކަމުގެ ގުޅުމެވެ. މިއީ ވެސް ވަރަށް ދުރުބައެކެވެ. ވަގުތީ ގޮތުން މަޙުރަމުންކަމުގައިވާ ކޮންމެ ވަގުތަކުވެސް މަހުރަމްކަން ކެނޑީ ހިގައިދާ ބައެކެވެ. މި މީހުންނާ ވެސް ގާތްވެ އުޅެންވާނީ ޝަރުޢީ މިންގަނޑުތަކާއި ޙުދޫދު ތަކުގެ ތެރެއިންނެވެ.

ޢާއިލީ ގުޅުންތަކަށް ރައްކާތެރިވުން އެއީ މުސްލިމުންނަށް ވީތީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހޭނެކަމެވެ. މި ގުޅުމަކީ ރަޙިމުގެ ސަބަބުން އުފެދިގެން އަންނަ ގުޅުމެކެވެ. ރަހިމުގެ ގުޅުމާއި އެގުޅުން އުފެދޭ ގޮތާއިއެކަމާ ބެހޭ ހުކުމްތައް އެހެން ފުރުޞަތެއްގައި ލިޔަން ގަސްދު ކުރަމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.