ޖަލުތަކުގެ ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލަށް ވައްދަން މަސައްކަތްކުރި މަސްތުވާތަކެތިތަކެއް ޖަލު އޮފިސަރުން އަތުލައިގެންފައިވާ ކަމަށެވެ.

Ad
rt

އެތަކެތި އަތުލައިގެންފައި ވަނީ، ‏ރޭ ލިބުނު މައުލޫމާތަކާއި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"‏ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮއްފައިވާ މަސްތުވާތަކެތި އެޖަލުގެ އޮފިސަރުން ވަނީ ހޯދާފައި. މިތަކެތި މިހާރުވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި." ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެފަވެއެވެ.

އެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ޖަލުގެ ވަށާފާރު އުސްކުރުމުގެ މަޝްރޫޢު ބަޔަކާއި ހަވާލުކުރެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް މާދަމާ ފެށޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވީ، މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެ ކަމަށެވެ.

މީގެކުރީން ވެސް އެކިފަހަރު މަތީން ޖަލަށް ވައްދަށް މަސައްކަތްކުރި މަސްތުވާތަކެތި ޖަލު އޮފިސަރުން ވަނީ އަތުލާފައެވެ.