ކުޅުދުއްފުށި ސިޓީން އިތުރު 7 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެ ޖުމްލަ އަދަދު 20 އަށް އަރައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މަޢުލޫމާތުދެއްވި ގޮތުގައި މިއަދު ޕޮޒިޓިވް ވެފައި ވަނީ ފުލޫ އޯޕީޑީ އަށް ދެއްކި 2 މީހެއްގެ އިތުރުން މިހާތަނަށް ޕޮޒިޓިވް ވީ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވާ 5 މީހެކެވެ.
ކޭސްތަކުގެ އަދަދު މަތި ވަމުން ދާއިރު، އެންމެ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރާކަމަށާއި ހާއްސަ ގޮތެއްގައި މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ކޭއާރުއެޗްއިން ދަންނަވައެވެ.
މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލް ތަކަކާއި ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް ވަނީ ޕޮޒިޓިވްވެފައި އެވެ.
އެރަށުގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުޞަތު އޮތްކަމަށް ކޭއާރުއެޗްއިން ބުނެފައިވެއެވެ. ކުޅުދުއްފުށި މިހާރު ވަނީ މޮނިޓަރިންގ އަށް ލެވިފައެވެ. އެގޮތުން އެ ސިޓީގައި ރޭގަނޑު 9:00 - ފަތިހު 4:00 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
މީގެ އިތުރުން، ހުއްދަ ނެތި އެ ސިޓީ އަށް އަރާ ފޭބުން ވަނީ މަނާ ކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!