ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިޔަވަމުން ދިޔަ ދޯންޏަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލެ ކާގޯ ޖެޓީގައި މުދާ ބަރުކުރަމުންދިޔަ ދޯންޏެކެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވާ ވަނީ ރޭ 00:55 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.
މި ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައި ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
މި ދޯންޏަށް ދިޔަވާން ފެށުމުން މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގައި ހަލާކުވެފައި ހުރި ޕަންޕު މަރާމާތުކޮށް އެޕަންޕުގެ އެހީގައި ދޯނީގެ ދިޔަ ކޮންޓްރޯލްކުރެވިފައި ވަނީ ރޭ 02:45 ހާއިރުއެވެ.
މިހާދިސާގައި ދިޔަވެފައި ވަނީ "ދިރުން" ނަމަކަށް ކިޔާ 85 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. މިހާދިސާގައި ދޯނީގައި ތިބި 9 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!