މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު، ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައެވެ.
ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12،013.32 ލީޓަރުގެ ބަނގުއާތްވާއި 3،535 ލީޓަރުގެ ޓޮނިކް ހިމެނޭ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލާފައިވާ ތަކެއްޗެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން
ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.
ކަސްޓަމްސްއިން މި މަހުގެ 10 އަދި 13 ވަނަ ދުވަހު ވެސް ތިލަފުށީގައި ވަނީ އެ ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުއާވި ނައްތާލާފައެވެ.
މިގޮތުން އެފަހަރު، 300 ކެގްސްގައި ހުރި 9000 ލިޓަރުގެ ބަނގުއާވި ނައްތާލާފައިވާއިރު، 10860 ދަޅުގައި ހުރި 4122 ލިޓަރުގެ ބަނގުއާވި ނައްތާލި ކަމަށް ކަސްޓަމްސް އިން ވިދާޅުވެފަވެއެވެ.
މީގެއިތުރުން 458 ކޭހުގައި ހުރި 6644 ކިލޯގެ އޫރު މަސްވެސް ވަނީ އެފަހަރު ނައްތާލާފައެވެ.
ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މަސްތުވާތަކެތީގެ ތެރެއިން، 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލެއްވިކަން ޖުލައި 15 ވަނަ ދުވަހު ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!