ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުންނަށް ބޭނުންވާ ވަޞީލަތަކާއި އެހީތެރިކަން ކުރިޔަށްވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށާއި، ފުލުންގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިޔަށް ދިޔުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވާފަ އެވެ.
ރައީސް ވަނީ ފުލުހުންގެ އައު ޤާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި އަދި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.
“މިހާރު ފުލުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން، އަދި، މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓަރޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުންވެސް ހިމެނޭ”
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖުތަމަޢަށް އެންމެ ބޮޑަށް ބޭނުންވަނީ ޤާނޫނުތައް ހިންގުންކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމުގައެވެ.
މި ބައްދަކުރެއްވުމުގައި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ އެ ސްޓޭޝަނުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ވަޞީލަތާއި ޢުމްރާނީގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ މަސައްކަތްކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންވެސް ޕޮލިސް ސްޓޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ.
— The President's Office (@presidencymv) July 17, 2021
އެގޮތުން ޚާއްޞަކޮށް ފުލުހުންގެ މަސައްކަތާއި ގުޅިފައިވާ އެހެން މުއައްސަސާތަކުންވެސް ފުލުހުންނާ ގުޅިގެން ބާރު ސްޕީޑުގައި ކަންކަން ކުރިޔަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ އައު ޤާނޫނުގެ ދަށުން ގެނެވޭ ބަދަލުތަކާއި އަދި މީހުން ބިނާކުރުންފަދަ ފުލުހުންގެ ޚިދުމަތުގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ ބައެއް މަސައްކަތްތައް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޮލިސް ސްޓޭޝަން ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!