މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އަބްދުﷲ ޝާހިދު، ބަހްރެއިނުގެ ފޮރިން މިނިސްޓަރު ޚާލިދު ބިން އަޙުމަދު އަލް ޚަލީފާއާ ބައްދަލު ކުރައްވައިފިއެވެ.
ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ، އދ.ގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިންނެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމަށް ތައްޔާރުވަމުންދާ ވައިގެ ޚިދުމަތްތަކާ ބެހޭ އެގްރީމެންޓާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އަދި މި އެގްރީމެންޓުގެ ސަބަބުން ދެ ޤައުމަށް ކުރާނެ ފައިދާތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.
މީގެއިތުރުންވެސް، ދެ ޤައުމުގެ އެހެން ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ދެ ޤައުމާ ގުޅޭ އެއްގޮތް ކަންކަމުގައި ކުރިއަށް ދިއުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އދ.ގެ އާއްމު މަޖިލީހުގެ ސެޝަންތައް މި މަހުގެ 17 ވަނަ ދުވަހު ފެށިފައިވާއިރު، އިސް ފަންތީގެ ބައްދަލުވުންތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. މި އަހަރު، މި މަޖިލީހުގައި ބައިވެރިވާ ރާއްޖޭގެ ޑެލިގޭޝަނުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!