ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ބާގެ ސީލިންގުގައި އެލުވާފައިވާ ފަންނުވެރި ފަރުމާ ވަރަށް ރީއްޗެވެ. ފެންނަ ފެނުމަށްވެސް އެއީ މޮޅު އުފެއްދުމެއްކަން އެނގެއެވެ. ބުރަ މަސައްކަތެއްކަންވެސް ޝައްކެއް ނެތް މިންވަރަށް އެނގެއެވެ.

އެހެންނަމަވެސް، މި ފަރުމާގެ ހުރިހާ ހަގީގަތެއް ނޭނގޭ ނޫންހެވެ.

Ad
rt

މި ތަފާތު ފަރުމާ އުފައްދާފައިވާ މީހަކީ، ޖޯން ކޭ. މެލްވިން އެވެ. މިއީ ދުނިޔޭގެ މަޝްހޫރު އިކޯ އާޓިސްޓެކެވެ. ދުނިޔޭގެ އެތަން މިތަނުގައި، އެކި ސީރީޒްގެ ގޮތުގައި އޭނާގެ އުފެއްދުންތައް އުފައްދާފައިވެއެވެ.

މެލްވިންގެ މި އުފެއްދުމުން ސިފަވަނީ މޫދުގައި އުޅޭ ޖެލީ ފިޝް އެކެވެ. މި ޖެލީ ފިޝް އުފެއްދުމަށް އޭނާ ބޭނުންކޮށްފައިވަނީ މުޅިންވެސް ޕްލާސްޓިކް ފުޅިއެވެ. މި ހުރިހާ ފުޅިއަކީވެސް، ރާއްޖޭގެ އެފަދަ ދެވަނައެއް ނެތް ރީތި ރަށްތަކުގެ ހިތްގައިމު ގޮނޑުދޮށްތަކުން ހޮވާފައިވާ ފުޅިއެވެ.

މެލްވިން ބުނި ގޮތުގައި ރާއްޖޭގެ ފަސް ރަށަކުން ވަނީ އޭނާގެ މި މަސައްކަތަށް ފުޅި ފޯރުކޮށްދީފައެވެ. ރާއްޖެއާ ބެހޭގޮތުން އޭނާ އިތުރަށް ބުނެފައިވަނީ މިއީ ކުޑަ ޤައުމެއްކަމުން މި ޤައުމުގައި ކުނި ނައްތާލެވޭނެ މާ ރަނގަޅު ގޮތެއް ނެތްކަމުގައެވެ. އެހެންނަމަވެސް، ތިމާވެއްޓަށް ކުރާ އަސަރުތަކަށް، ދިވެހިން ވަރަށް ހޭލުންތެރިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާގެ މި އުފެއްދުމަކީ އެތައް ބަޔަކަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މޫސުމީ ބަދަލުތަކުގެ އަޑު، އިހުނަށްވުރެ ގަދަވެފައިވާ މި ދުވަސްވަރުގައި، މި އުފެއްދުމުގެ ވާހަކަވެސް ދައްކަމުންދާއިރު، މި ފަރުމާގެ އެހީގައި އޭނާ ބޭނުންވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސަބަބުން މޫސުމީ ބަދަލުތަކަށް މަގުފަހިވާ ކަންކަން ހުއްޓުވުމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، ދުނިޔެއަށް ބޭރުވާ ކާބަންގެ ތިން އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާއަތުން ބޭރުވާ ކާބަން އެވެ. ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރަން ބާރު އަޅާ، ހަމައެކަނި ނަމެއްގައި ތިމާވެއްޓާ ރަހުމަތްތެރިއޭ ބުނުމަކުން ނުފުދޭނެކަން ދެއްކުމަކީވެސް މެލްވިން މި އުފެއްދުން އުފެއްދުމުގެ އެއް ސަބަބެވެ.

މެލްވިންގެ މި ފަރުމާ ބަހައްޓާފައިވާ ރަންގަލި ރިސޯޓު ހިންގާ ހިލްޓަން އަކީ ސައިންސްގެ އެހީގައި ތިމާވެއްޓާ ރައްޓެހި އުކުޅުތައް ބޭނުންކުރަން ފެށި، މި ދާއިރާގެ އެންމެ ވަރުގަދަ އެއް ބްރޭންޑެވެ. އެގޮތުން، 2030 އަންނަންވާއިރަށް، އެފަރާތުގެ ސަބަބުން ތިމާވެއްޓަށް ކުރާ ގެއްލުން، ދެބައިކުޅަ އެއްބައި މަދުކުރުމަކީ އެކުންފުނީގެ އަމާޒެކެވެ. އަދި މިފަދަ މަސައްކަތްތަކަށް ކުރާ ހޭދަ ދެގުނަ ކުރަންވެސް ވަނީ ނިންމާފައެވެ.

މަސްދަރު: ފޯބްސް