އެމްޓީސީސީން ހައި ސްޕީޑް ފެރީ ނިޒާމުގެ ދަށުން ބަންނަ ފެރީގެ ތެރެއިން ފުރަތަމަ ފެރީ އަންނަ މަހު ޓެސްޓު ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ހައި ސްޕީޑް ފެރީ ހިދުމަތް ދިނުމަށް ފެރީ ބަންނަމުން ދަނީ ގަލްފް ކްރާފްޓާ ހަވާލުކޮށްގެން ނެވެ. އެގޮތުން 17 ފެރީއެއް ބަނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައި ރާއްޖޭގެ ހުރިހާ ހިސާބެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުންކަމަށެވެ. އަދި ހައި ސްޕީޑް ފެރީ ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ހަވާލުކޮށްގެން މިހާރު ކުރިއަށް އެބަދާ ކަމަށާއި އުންމީދު ކުރަނީ ޓެސްޓް ފެރީ އަންނަ އޮގަސްޓްމަހުކަނޑަށް ބޭލިގެން ޓެސްޓު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ޓާމިނަލް އާއި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތް ފަށައިފައިވާއިރު ހޯރަފުއްޓާއި އިހަވަންދު އަދި ދިއްދޫގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތްމިހާރުވަނީ ފަށާފައެވެ. މި ނިޒާމުގެ ދަށުން ބަންނަ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އަދި މިއީ 30 ނޮޓްގެ ބާރުމިނެއްގައި ދުވާ ފެރީތަކެކެވެ.
ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލެވޭއިރު މި ހިދުމަތް ޖުމުލަ 41 ރަށެއްގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދޭންފަށާނެއެވެ.
މިފަހަރު މިގެންނަ ފެރީތައް އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ތިން ގުނަ ބާރުވާނެއެވެ. އެމްޓީސީސީން ބުނާގޮތުގައި ފެރީގެ ސީޓާއި ފަސެންޖަރުންގެކެބިން ފަރުމާ ކުރެވިގެންދަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!