ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަރުކާރުގެ ދެ ވުޒާރާއަކަށް ދެ ސްޓޭޓް މިނިސްޓަރަކު އައްޔަނު ކުރަށްވައިފިއެވެ.

މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެގެ މަޤާމަށް މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލް ވަނީ އައްޔަނު ކުރަށްވާފައެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް މ. ބާންސާގެ، އަލްފާޟިލް މުޙައްމަދު ޝިހާބު ވަނީ އައްޔަނު ކުރަށްވާފައެވެ.

Ad
rt

ޔޫތު މިނިސްޓްރީގެ ސްޓޭޓްއަކަށް އައްޔަނު ކުރެއްވި ޙުސައިން އަކީ، އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލްގެ ބޭބެ އެވެ.

އޭނާ ވަނީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖް އިން ޑިޕްލޮމާ އިން މާކެޓީންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިނގް ޙާޞިލްކުރައްވާފައެވެ. މި މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ޙުސައިން އިސްމާޢީލްއަކީ ލ. ފޮނަދޫ ދާއިރާގެ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ރައީސްއެވެ. އަދި ޙުސައިން އިސްމާޢިލް އަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަންއެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތައްވެސް ޙުސައިން އިސްމާޢީލް ވަނީ މީގެ ކުރިން ފުރުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުވެސް ޙުސައިން އިސްމާޢީލް ވަނީ އަދާކުރައްވާފައެވެ.

މުޙައްމަދު ޝިހާބަކީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޖެންޑާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރެއްވި ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓސް އެމްބެސެޑަރުކަން މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި އެބޭފުޅާ ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ފުރުއްވާފައެވެ.

މީގެ އިތުރުން ވެސް މުޙައްމަދު ޝީހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަޤާމު ވެސް ފުރުއްވާފައެވެ.