ތަފާތު އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން، 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި މިތަކެތި ނައްތާލެވިފައިވަނީ ދޫނިދޫގައި ކަމަށެވެ. އެގޮތުން މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރާއި މިއަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް މީގެ 15 ވަރަކަށް އަހަރު ކުރިން ގެނެވިފައިވާ ތަކެއްޗެވެ.
އެގޮތުން، މިއަދު ވަނީ 2006 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 1000 ގްރާމް ކެނަބިސްއާއި، 2016 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2925.952 ގްރާމް ކޮކޭން ނައްތާލެވިފައެވެ.
ނިމިދިޔަ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލެވިހުރި ތަކެތިވެސް ވަނީ ނައްތާލާފައެވެ. އެ ތަކެތީގެ ތެރޭގައި ހިމެނެނީ 5418 ރަބަރު ޕެކެޓާއި، 3312 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 351 ދަޅާއި، 193 ބުލެޓާއި، 15 ބިޑިއާއި، 1460 ބޭސް ގުޅަ އަދި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 3746 އައިޓަމެކެވެ. އެހެނިހެން އައިޓަމްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި ގެންގުޅޭ އާލާތްތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި މި އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 71874.1000 ގްރާމް ހެރޮއިންވެސް ވަނީ ނައްތާލެވިފައެވެ.
މީގެ އިތުރުން، ނައްތާލި ތަކެތީގެ ތެރޭގައި 146412.7270 ގްރާމް ހެރޮއިންއާއި، 19003.6029 ގްރާމް ކެނަބިސްއާއި، 36.1817 ގްރާމް އެމްފެޓަމިންއާއި، 714.6503 ގްރާމްގެ މެޓަމްއެމްފެޓަމިން ރެސިމޭޓްއާއި، 596.8731 ގްރާމް އެމްޑީއެމްއޭގެ އިތުރުން 9784.5774 ގްރާމް ކޮކޭން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!