އިއްޒުއްދީން ސްކޫލްގެ ހަ މުދައްރިސެއްގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގޮވާލައިފިއެވެ.
ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަމިއްޔާއަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުއައްޒަފުންގެ ހައްޤުތައް ރައްކާތެރިކުރުމާއި އަދި މުޅި ތައުލީމީ ދާއިރާގެ ކުރިއެރުމަށް، އެކީ އެއްޖަމާޢަތެއްގެ ގޮތުގައި އޮވެ، 2008އިން ފެށިގެން މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށެވެ.
އެއަށްފަހު އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، އެ ޖަމްޢިއްޔާ މެންބަރުންކަމުގައިވާ، ހަ މުދައްރިސަކަށް، އެކިކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށައެޅުމާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހާއްސަ ކޮމިޓީއަކުން އެ މައްސަލަތައް ބަލައި، ޖިންސީ ފުރައްސާރައިގެ އަމަލު ސާބިތުވެފައި ވަނިކޮށް، އެ އަމަލު ހިންގި ފަރާތައް އެއްވެސް ފިޔަވަޅުއެޅުމެއްނެތި، އެފަރާތުގެ އެދުމުގެ މަތިން، ޕްރޮމޯޝަންއަކާއިއެކު އެހެން ސްކޫލްއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"ތައުލީމީ ދާއިރާގެ ގަދަރުވެރި މަޤާމެއްގައި ހުރެ، އޭނާގެ ދަށުން ތިބި މުއައްޒަފުންނަށް ޖިންސީ
ފުރައްސާރަކޮށްފައިވާކަން، ސާބިތުވެފައިވާ ހިނދު، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން މަސަކަތްކުރަމުންދާ ދިއުން މިޖަމްޢިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ޓީޗަރސް އެސޯސިއޭޝަނުން ބުނެފަވެއެވެ.
މި ޖިންސީ ފުރައްސާރައިގެ މައްސަލައިގައި، ޝިކާރަކަށްވެފައިވާ މުދައްރިސުން، އެ މުދައްރިސުންގެ ބެލެނިވެރިއެއްގެ ގޮތުގައިވާ، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ވަނީ އެ މުދައްރިސުންނަށް ބޭއިންސާފުން، އެއްވެސް މަޝްވަރާކުރުމެއްނެތި ފިޔަވަޅުއަޅާފައި ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މިކަމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ އަދި ޖިންސީ ކުށުގެ ގާނޫނާއި ހިލާފަށް، ބޭއިންސާފުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
"އެހެންކަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން، މިމައްސަލަ ރައްދުވާ ފަރާތުގެ މަސްތަހަތު އިސްކޮށް، އެފަރާތް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި، ގާނޫން ދޭންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެފަރާތައް އެޅުމަށް ގޮވާލަމެވެ. އަދި ޖިންސީ ފުރައްސާރައިގެ، ޝިކާރައަކަށްވެފައި ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ގޮތުން، އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެމީހުންގެ ހައްޤުތައް ހިމާޢަތްކުރުމަށް ގޮވާލަމެވެ." ޓީޗާސް އެސޯސިއޭޝަނުން ބުނެފަވެއެވެ.
ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގާ ފަރާތްތަކަށް، ހިތްވަރުލިބޭ ފަދަ މޭރުމުން ކަންކަން ނުކުރުމަށް އެ ޖަމިއްޔާއިން ވަނީ އެ ނޫސްބަޔާނުގައި އެޑިޔުކޭޝަން މިނިސްޓްރީއަށް ގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!