ތަރައްޤީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަން ދޭންޖެހޭ ކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާއި ގުޅިގެން ކައުންސިލަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލު ކުރަމުންދާއިރު، އެހެން ގައުމުތަކެކޭ އެއްފަދައިން، ދިވެހި އިޤްޠިޞާދަށްވެސް އޭގެ ނުރަނގަޅު އަސަރުކޮށް ހީނަރުވެފައިވާ ކަމަށާއި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލާމަރުކަޒީ ނިޒާމެއްގެ މުހިންމުކަން އިތުރަށް ތަޞައްވަރު ކުރެވިފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރަށްވާފައެވެ.

އެގޮތުން ރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށްޓަކައި، ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމާއި، ކާބޯތަކެތި ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ކަނޑުފަޅުގެ ވަސީލަތްތައް ކުރިއަށް އޮތް ޖީލުތަކަށް ދަމަހައްޓައިދިނުމުގެ މުހިންމުކަން އިތުރަށް އެނގިގެންދިޔަކަމުގައި ޞަބްރާ ވިދާޅުވިއެވެ.

ދެމެހެއްޓެނެވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުން، ވެށީގެ މުއްސަނދިކަމާ ގުޅިފައިވާ ކަމަށާއި، ޖައްވު ހޫނުވާ މިންވަރު ދަށްކުރުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ގުދުރަތީ ވިލުންވެރިކަން ދެމެހެއްޓުން ކަމުގައި ޞަބްރާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ތަރައްޤީގެ ރޭވުންތަކުގައި ތިމާވެއްޓާ ގުޅޭ ހިރާސްތައް ކުޑަކުރުމަށް އިސްކަމެއް ދޭންޖެހޭކަމަށާއި މިގޮތުން ލޭންޑް ޔޫސް ޕްލޭނާއި އެހެނިހެން ތަރައްޤީގެ ޕްލޭންތައް ރާވައި ހިންގުމުގައި، ވަށާޖެހޭނެ ގޮތަށް، ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށި ހިމާޔަތްކުރުން އެއްކީލިކުރުން ވަރަށް މުހިންމު ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ޞަބްރާގެ ވާހަކަފުޅުގައި، ހުޅަނގުގެ ގައުމުތަކަށް މިއަހަރު އިރުވައިމޫސުމުގައި ރެކޯޑް އަދަދަކަށް ހޫނުމިން މައްޗަށް ދާއިރު، ކުރިއާ އަޅާބަލާއިރު ރާއްޖޭގައި، ރަށްގިރުމާއި ވާރޭގެ ސަބަބުން ގެއްލުން ލިބިގެން އެހީތެރިކަން ފޯރުކޮށްދޭ ރަށްރަށުގެ އަދަދު އިތުރުވަމުން ދިއުމާއި މިކަމުގެ "ސިވިއަރރިޓީ އަދި ފްރިކުއެންސީ" އިތުރުވުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑެތި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް އޮތްކަމުގެ ހެއްކެއްކަން ވަނީ ފާހަގަ ކުރަށްވާފައެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މައްޗަށް ވެސް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ ވާހަކަ ފުޅުގައި ވަނީ އަލިއަޅުވާލައްވާފަ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން، ކައުންސިލްތަކުގެ އިޙްތިޞާސްގައި ހިމެނޭ ފަރާއި ފަޅުފަދަތަންތަން ބޭނުންކުރުމުގައި ހުރި ކަންބޮޑުވުންތަކާއި ދިމާވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރެއްވުމާއެކު ކަނޑުފަޅުތަކުގެ ވަސީލަތްތައް ހިމާޔަތްކޮށް އެންމެ ފައިދާހުރިގޮތުގައި ބޭނުންކުރުމަށް ޝައުގުވެރިވާކަން ހާމަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.