މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ ސިޓީއިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުންގެ އިންޓެލިޖެންސާއި، މިލަންދޫ ޕޮލިސް އަދި ފީވަކު ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިލަންދޫ ބަނދަރުމަތިން އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި 31 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލެއިން ފުރައިގެން ބ. ކަމަދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންމި ޖުލައި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނެއްގައި ފުލުހުން ވަނީ އެރަށުން ވެސް މީހަކު ހައްޔަރު ކޮށްފައެވެ.

މިގޮތުން ކަމަދޫ ބަނދަރުމަތިން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ދެ މައްސަލަވެސް ފުލުހުން ގެންދަވަނީ ތަހުގީގު ކުރަމުންނެވެ.