މި ހިނގާ ރިޔާސީ ދައުރު ނިމިގެންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެގެން ދާނީ ދިވެހިރާއްޖޭއްގެ އުމްރާނީ ތަރައްގީގެ ޗެމްޕިއަންއަށް ކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓްވީޓެއްގަ އެވެ.
މޫކޭ ވިދާޅުވީ، މި ދައުރު ނިމިގެންދާއިރު ރާއްޖޭގެ އުމުރާނީ ތަރައްގީގެ ޗެމްޕިއަން ކަމުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް ޞާލިޙް ވެގެން ދާނެ ކަމަށެވެ.
އެމްޑީޕީގެ ކޮންމެ ވެރިކަމަކީ ރައްޔިތުންނަށް މިނިވަންކަމާއި އުފާވެރިކަން ގެނެސްދޭ ވެރިކަން ތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މޫކޭ މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އަދި މިހާރު މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ފޮނުއްވެވި މެސެޖްތަކެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީހްއާއިއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އަބުދުލްޤައްޔޫމްގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
މީގެއިތުރުން ރައީސް ނަޝީދު އިއްޔެ ފުލުފުލުގައިކުރެއްވި ދެ ޓްވީޓެއްގައި އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުންކަމަށާއި، އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވެފައިވާ ކަމަށް ވިދާޅުވެ، އެ އިއްތިހާދު ވާންވާނީ އިންޑިއާ އައުޓްއޭ ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކުރާ އަދި ރަސޫލާއަށާއި، އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދަކަށް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެމްޑީޕީއާއި، ޕީޕީއެމްގެ ގިނަ މީހުން ތިބޭނީ އެއްގޮތަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، ރާއްޖެ އަފްޣާނިސްތާން ހާލަތަށް ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނިކޮށް، މޫކޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރުމަށް އެމްޑީޕީ މެންބަރުން ބޭނުން ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި އެއީ ގައުމަށް ރަނގަޅު ފެންނާނެ މަގު ނޫންކަމަށާއި، އިންސާފު ހޯދޭނެ މަގު ނޫންކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި މޫކޭ ވަނީ ރައީސް ޞާލިޙު ފަހަތަކަށް ނުޖެއްސުނު ކަމަށާއި، އެމްޑީޕީ ގެ އެންމެ "އިސް ލީޑަރު" ކިޔަން ބޭނުން ނުވިޔަސް އެއީ މިއަދުގެ ޙަޤީޤަތް ކަމަށް ވެސް ވިދާޅުވެފައެވެ.
ބަލިކުރަން ރާވާ ކޮންމެ ރޭވުމަކުން މޮޅުވަނީ މަޑުމައިތިރި ކަމާއި ކެތްތެރިކަމާއެކު ކަމަށް ވިދާޅުވެ، ރަސްކަމަށް ރާއްޖެ ދެނެއް ނުގެންދެވޭނެ ކަމަށް ވެސް މޫކޭ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!