ގަހަށް ދޭ ކާނާ އަދި ކާނާ ދޭގޮތް ދަަސްކުރަމާ!

7E44078E-4214-4ABE-BB82-02496616A3E1

  •  
  •  
  •  
  •  
  •  
  •  
  •  

ދިވެހިރާއްޖޭގައި ދަނޑުވެރިކަމާއި ގަސް ހެއްދުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ މަސައްކަތެކެވެ.

އެއްބަޔަކު ވިޔަފާރީގެ ގޮތުގައެވެ. އަނެއްބަޔަކު ހުސް ވަގުތު ފައިދާހުރި ގޮތުގައި ފުރައިލުމަށް އުފަލެއް ކަމުގައި ދެކިގެންނެވެ.

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްރަށާއި މީހުންވެސް އެބައުޅެއެވެ.

ފޮޓޯ 1 ރަނގަޅު ފެންވަރަކަށް ތައްޔާރުކޮށްފައިވާ ދަނޑެއް، އައްޑޫ ސިޓީ މީދޫ

ނަމަވެސް މި މަސައްކަތުގައި ޝާމިލުވާ ގިނަ ބައެއްގެ ފަރާތުން ފެންނަނީ ވަރަށް ގޯސް އާދަތަކެކެވެ. އޭގެ ތެރެއިން އެއް އާދައަކީ ގަހަށް ދޭ ކާނާތަކާ ބެހޭ އަސާސީ މަޢުލޫމާތު ނެތި ގަސްތަކަށާއި ދަނޑުބިމަށް ގެއްލުން ލިބޭ ގޮތަށް ކާނާ ބޭނުންކުރުމެވެ.

ސިންތެޓިކް ކާނާގެ ބަދަލުގައި ގުދުރަތީ ކާދު ބޭނުންކުރުން އިތުރުކުރަން ޖެހެއެވެ. އެގޮތުން ގަހުގެ ބައިތައް ކާނާއަށް ވާވަރަށް ފަނާކުރުމަށްފަހު އެ ކާދު ބޭނުންކުރެވިދާނެއެވެ. އޭގެ އިތުރަށް ގެރިގުއި އާއި ޔުނިގުރޯ އާއި ޗިކަން މެނުއަރ ފަދަ ކާދު ބޭނުންކުރެވިދާނެއެވެ.

ފޮޓޯ 2 ގުދުރަތީ ކާދު

ގަސް އިންދާ ފަސްގަނޑު ހަދާއިރު އެއްކުރާށާއި ގަހުގެ ބުޑަށް ހުރިގޮތަށް އެޅުމަށް ގުދުރަތީ ކާދު ބޭނުންކުރެވެއެވެ. ފަސްގަނޑު ހަދާއިރު ބޭނުންކުރާނީ ކޮންމެ 3 ފަހަކަށް 1 ކާދުގެ ނިސްބަތުންނެވެ. އެއަށްފަހު ކޮންމެ މަހަކު އެއްދުވަހު ގަހުގެ އިސްކޮޅަށް ބަލައި ގަހުގެ ދިގުމިނުގެ ކޮންމެ 5 އިންޗިއަކަށް 5 ގުރާމް ކާދު، ގަހުގެ ބުޑަށް އެޅުމަށް ބޭނުންކުރެވިދާނެއެވެ. އެގަހެއްގެ މޫތަކުގެ ކޮޅު ހުންނާނެ ހިސާބަށް ވަށްބުރަކަށް ކާދު އަޅައި ފެންދެމުން ގެންދާނީއެވެ. ނުވަތަ އެންމެ ފުންވެގެން 3 އިންޗިއަށް ފަސްގަނޑު ހާވާލާފައި ކާދު އަޅައި ފަސްގަނޑާ އެއްކޮށްލުމަށްފަހު ފެންދެމުން ގެންދާނީ އެވެ.

ފޮޓޯ 3 ކާދު އެއްކޮށްގެން ފަސްގަނޑު ތައްޔާރުކުރަނީ އަދި ފަސްގަނޑު މައްޗަށް ކާދު އަޅާފައި

ޕެކެޓްތަކުގައާއި ފުޅި އަދި ދަޅުގައި ބަންދުކޮށްފައި ވެސް ޤުދުރަތީކާނާ ހުރެއެވެ. ނަމަވެސް އެންމެ ގިނައިން ރާއްޖޭގައި ގެންގުޅެނީ ސިންތެޓިކް ކާނާއެވެ. ދިޔާކޮށާއި ޕައުޑަރުގޮތަށް އަދި އޮށުގެ ގޮތުގައި އެފަދަ ކާނާ ތައްޔާރުކޮށްފައި ހުރެއެވެ.

ފޮޓޯ 4 ތަފާތު ސިންތެޓިކް ކާނާ، ފޮޓޯ: ގޫގްލް/އިޝްތިހާރު ކޮށްފައިވާ ފިހާރަތައް

ދިޔާކޮށް ހުންނަ ގިނަ ކާނާ ބޭނުންކުރާނީ 2 އެމްއެލް 1 ލިޓަރު ފެނުގެ ނިސްބަތުންނެވެ. ޕައުޑަރުކޮށް ހުންނަ ކާނާ ނަމަ 1 ލިޓަރު ފެނަށް 2 ގުރާމްގެ ނިސްބަތުންނެވެ. ގަހުގެ ބުޑަށް އެޅުމަށް ނުވަތަ ފަތްތަކަށް ސްޕްރޭކުރުމަށެވެ. އެކި ކާނާ ދޭންޖެހޭ ދުރުމިން ތަފާތެވެ. މިފަދަ އިރުޝާދު ކާނާ ޕެކެޓްގެ ބޭރުގައި ލިޔެފައި ހުރެއެވެ. އަދި މާ ތަފްޞީލްކޮށް، އެކި ބާވަތުގެ ގަހަށް ދޭންޖެހޭ މިންވަރު އެކާނާއެއް އުފައްދާ ކުންފުނީގެ ވެބްސައިޓްގައި ލިޔެފައި ހުރެއެވެ.

ފޮޓޯ 5 މެކްސިކްރޮޕް އެކި ބާވަތުގެ ގަހަށް ބޭނުންކުރަންވީ ގޮތް ކުންފުނީގެ ވެބަސައިޓްގައި ލިޔެފައި
https://maxicrop.com/application-rates/

ޖެހިގެން އޮންނަ ދަނޑުގައި އުޅޭ މީހާ ބޭނުންކުރާ މިންވަރު ބަލައިގެން ކާނާ ދޭ އިރު ދެވިފައި އޮންނަނީ މާ ޑޯޒު މަތިކޮށެވެ. އޭގެ ސަބަބުން ފުރަތަމަ ގަސް ރީތިކޮށް ހެދުނަސް ބަލިތައް ޖެހުން ގިނަވެއެވެ. އަދި ފަސްގަނޑުގެ ބާރު ދެރަވެ އަވަހަށް ދަނޑުބިން ވިރާނާވެއެވެ.

އޮށްކާނާ އަކީ ޢާއްމުކޮށް ޑޯޒު މަތި އަދި މައިގަނޑު 3 ކަނާދު ކަމުގައިވާ އެން.ޕީ.ކޭ ނިސްބަތް ތަފާތުކޮށްފައި ހުންނަ ކާނާއެވެ. ކުރިން ކުލައަށް ބަލައިގެން މިފަދަ ކާނާގެ ބޭނުން އެނގުނަސް، މިހާރު އުފައްދާ މީހުން ގިނަވެ ކުލަތައް ގިނަވެ އޮޅިފައިވާތީ ކުލައަށް ބަލައިގެން ކާނާގެ ބޭނުން މިހާރު ދެނެއެއްނުގަނެވެއެވެ.

ފޮޓޯ 6 ޔާރާލިވާ އަދި ޔާރާމިލާ އޮށްކާނާ އަކީ ފެންވަރު ރަނގަޅު ކާނާތަކެއް

އޮށްކާނާ އަކީ ސްލޯ ރިލީސް (ތެމި ފޯވެ މަޑުމަޑުން ފަސްގަނޑަށް ކަަނާދުތައް ދޫކުރާ) ކާނާއެކެވެ. ބޭރުގައި ތޮށި ލައްވާފައި ހުންނަ އޮށް ކާނާއިން ކަނާދުތައް ފަސްގަނޑަށް ދޫވެގެން ދާލެއް ތޮށި ނުލާ ހުންނަ އޮށްކާނާއަށް ވުރެ ލަސްވާނެއެވެ. އޮށްކާނާ މި ދެގޮތަށް ތައްޔާރުކޮށްފައި ހުންނަނީ ގަހަށް ކުއްލިއަކަށް ކާނާގެ ކަނާދުތައް ލިބިދިނުމުގެ ބަދަލުގައި ގަސް ކަނާދުތައް ނަގާ މިންވަރުން ލިއްބައިދިނުމަށެވެ. އަދި އަވަސް އަވަހަށް ކާނާ ދޭން ޖެހޭ ޖެހުމުގެ ތަކުލީފުން ދަނޑުވެރިޔާ މިންޖުކޮށްދިނުމަށެވެ.

ފޮޓޯ 7 ކާނާ މިނަން ހޯދިދާނެ ތަކެތި

އޮށްކާނާ ދިނުމުގައި ވެސް ގުރާމުން މިނަން ޖެހެއެވެ. ކުރިން މިދެންނެވި ސަބަބުތަކާ ހުރެ އޮށްކާނާ އަކީ އެހުރިގޮތަށް ގަހުގެ މޫތައް ހުންނާނެ ހިސާބަށް ވިއްސާލާ ކާނާއެކެވެ. އޮށްކާނާ ދޭނީ ކޮންމެ 14 ދުވަހަކުން ނުވަތަ މަހަކު 1 ދުވަހުއެވެ. ކުދި ގަހަށް ދެވިދާނެ އޮށްކާނާގެ ފުރަތަމަ ނަންބަރު އޮންނާނީ އަނެއް ދެ ނަންބަރަށްވުރެ ބޮޑުކޮށެވެ. ގަސް ކުޑައިރު ދޭ އޮށްކާނާ ދޭނީ ގަހަކަށް 2 ގުރާމާއި 3 ގުރާމާ ދެމެދުގެ މިންވަރަށެވެ. ގަހުގެ މެދު އުމުރަށް ދޭނީ ފުރަތަމަ ދެ ނަންބަރު ފަހު ނަންބަރަށް ވުރެ ބޮޑުކޮށް ޖަހާފައި އޮންނަ އޮށްކާނާއެވެ. މިއުމުރުގައި ގަހަކަށް 5 ގުރާމް ދިނުމުން ފުދޭނެއެވެ. ގަސް ފޯދޭ އުމުރަށް އަޅައި މަލާއި މޭވާ އެޅުމުގެ މަރުޙަލާގައި ދޭނީ ފަހު ދެ ނަންބަރު ފުރަތަމަ ނަންބަރަށް ވުރެ ބޮޑުކޮށް ލިޔެފައި އޮންނަ އޮށްކާނާއެވެ. މިއުމުރުގައި ގަހަކަށް 10 ގުރާމް ދެވިދާނެއެވެ.

ފޮޓޯ 8 ކާނާ ޕެކެޓެއްގެ ބޭރުގައިވާ މަޢުލޫމާތު. ފޮޓޯ:ޑރ.ޙަސަން ޙަމީދު

މިފަދަ ސިންތެޓިކް ދިޔާ އަދި ޕައުޑަރު ކާނާއާއި އޮށްކާނާ ވެސް ދޭނީ ގަހުގެ އުމުރުފުރާ ތަކަށާއި ބޭރުގައި ލިޔެފައި އޮންނަ އެން.ޕީ.ކޭ އަދަދުތަކަށް ބަލައިގެންނެވެ. އެން.ޕީ.ކޭ 3 އަދަދު އެއްވަރު ނަމަ ހުރިހާ އުމުރެއްގެ ގަހަށްވެސް ދެވިދާނެއެވެ. މިފަދަ އާއްމު އެއްކާނާއަކީ އަހަރެމެންގެ ތެރޭގައި މަޝްހޫރު ސްޕަނެކްސް ނުވަތަ ފްލޯރަލް 20.20.20 އެވެ.

ފޮޓޯ 9 ފްލޯރަލް 20.20.20 ޕެކެޓެއް

ގަހުގެ ޅައުމުރުގައި ދޭ ކާނާގެ ފުރަތަމަ ނަންބަރު އޮންނާނީ އަނެއް ދެ ނަންބަރަށްވުރެ ބޮޑުކޮށެވެ. ގަހުގެ މެދު އުމުރަށް ދޭނީ ފުރަތަމަ ދެ ނަންބަރު ފަހު ނަންބަރަށް ވުރެ ބޮޑުކޮށް ޖަހާފައި އޮންނަ އޮށްކާނާއެވެ. ގަސް ފޯދޭ އުމުރަށް އަޅައި މަލާއި މޭވާ އެޅުމުގެ މަރުޙަލާގައި ދޭނީ ފަހު ދެ ނަންބަރު ފުރަތަމަ ނަންބަރަށް ވުރެ ބޮޑުކޮށް ލިޔެފައި އޮންނަ އޮށްކާނާއެވެ.

ދިޔާކޮށާއި ޕައުޑަރުކޮށް ނުވަތަ އޮށުގެ ގޮތުގައި ހުންނަ ސިންތެޓިކް ކާނާ ޕެކެޓު، ފުޅި ނުވަތަ ދަޅުގެ ބޭރުގައި ‘އެން.ޕީކޭ+ޓީއީ ލިޔެފައި ހުރެއެވެ. ޓީއީ އަކީ ޓްރޭސް އެލިމަންޓްސް އެވެ. އެއީ ގަހަށް މަދުން ބޭނުންވާ ކަނާދުތައްވެސް އެ ކާނާގައި އެކުލެވެނީ އެވެ. އެފަދަ ކާނާގެ ފެންވަރު ރަނގަޅުވާނެއެވެ.

ގަހުގެ އުމުރާ ގުޅިިގެން ސިންތެޓިކް ކާނާ ދޭންވީގޮތް ބުނެދެވިއްޖެއެވެ. ހަމަ މި ކާނާތައް ގަހުން ވަކި ކަނާދެއް މަދުވާކަން ފާހަގަވާނަމަވެސް ދެވިދާނެއެވެ. އެކަން ފާހަގަކުރުމަށް ތިރީގައިވާ ފޮޓޯތަކަށް ބަލާށެވެ.

ފޮޓޯ 10 ކާނާ މަދުވުން ފާހަގަކުރާނޭގޮތް. ފޮޓޯތައް: މިނިސްޓްރީ އޮފް އެގްރިކަލްޗަރ، ދިވެހިރާއްޖެ

ނައިޓްރިޖަން މަދުވާނަމަ ނުވަތަ ގަސް އިތުރަށް ފެހިކޮށް ހައްދަންޖެހިފައި ވާނަމަ ދޭންވީ ފުރަތަމަ އަދަދު އެންމެ މަތި ކާނާއެެވެ. ފޮސްފޮރަސް މަދު ނަމަ އަދި މޫތައް ވަރުގަދަކުރަން ޖެހިފައިވާނަމަ މެދު އަދަދު ބޮޑުކޮށް ޖަހާފައި އޮންނަ އޮށްކާނާއެވެ. ޕޮޓޭސިއަމް މަދު ނަމަ ނުވަތަ މަލާއި މޭވާ އެޅުމުމުގެ މައްސަލަ އުޅޭނަމަ ފަހު އަދަދު ބޮޑުކޮށް ލިޔެފައި އޮންނަ އޮށްކާނާއެވެ.

ައެންޕީކޭ ކާނާގެ އިތުރުން ގަހަށް ބޭނުންވާ އަޔަން، މެގްނީޒިއަމް އަދިވެސް އިތުރު މިފަދަ ކަނާދުތައް ލިބިދޭ ޚާއްޞަ ސިންތެޓިކް ކާނާވެސް ހުރެއެވެ. ފަތަށް އަދި ގަހަށް އަންނަ ބަދަލު ބަލައި ދެނެގަތުމަށް ފަހު މިފަދަ ކާނާވެސް އެންޕީކޭ ކާނާ ދޭ މިންގަނޑުން ދެވިދާނެއެވެ.

ފޮޓޯ 11 މެގްނީޒިއަމް، ސިލިކާ އަދި ކެލްސިއަމް ލިބިދޭ ކާނާއެއް، ފޮޓޯ: އަލިވިދާ މޯލްޑިްވްސް

އަހަރެމެންގެ ތެރެއިން ގިނަ މީހުން އަސާސީ، މި މިންވަރު ދަސްކުރަން ޖެހެއެވެ. އަދި ސިންތެޓިކް ކާނާ ދިނުމުގައި މިނަން އޮންނަ މިންވަރަށް، މިނާ ސަމްސާ ހޯދައިގެން ކާނާ މިނަން ޖެހެއެވެ. ހިތުހުރި ވަރަކަށް ދިޔާ ނުވަތަ ޕައުޑަރު ކާނާ ފެނަށް އެއްކުރުމާއި މުށް ޖަހާފައި އޮށްކާނާ އެޅުން ހުއްޓައިލަން ޖެހެއެވެ. ކާނާއަކީ ބޭހެއް ނޫނެވެ. ބޭހާ ޚިލާފަށް ސިންތެޓިކް ކާނާތަކަކީ ވިހަ ނުވަތަ ބާރު ގަދަ ކެމިކަލްތަކެއް ނޫނަސް ބޭނުންކުރާއިިރު ހަށިގަނޑު ނިވާކޮށް މާސްކު އަޅަން ވާނެއެވެ. ވިސްނާލާށެވެ. ތިމާގެ ދަނޑެވެ. ތިމާގެ ބިންގަނޑެވެ. ތިމާގެ އާއްމުދަނީ އެވެ. އަދި ތިމާއާއި އެހެން މީހުންގެ ޞިއްޙަތެވެ.

މިލިޔުމުގައި އެން.ޕީ.ކޭ ގެ ތަފްޞީލް ގެނެސްދީފައި ނުވަނީ ކުރިން އެ މަޢުޟޫގައި އެހެން ލިޔުމެއް ޝާޢިއުކޮށްފައިވާތީ އެވެ. މިލިޔުމާ އެކު އެލިޔުންވެސް ކިޔައިލުން ރަނގަޅެވެ. ލިންކު:

ދަނޑުވެރިކަން: ކޮން އެންޕީކޭ އެކޭތަ ލިޔެފަ މިހުންނަނީ؟

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.