ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން އާޖެންޓީނާގެ މިޑްފީލްޑަރ ރޮޑްރިގޯ ޑިޕައުލްގެ ސޮއި ހޯދައިފިއެވެ.

އުމުރުން 27 އަހަރުގެ ޑިޕައުލް ވަނީ އާޖެންޓީނާއަށް މި އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އާޖެންޓީނާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ.

Ad
rt

ޑިޕައުލް ވަނީ 2014 ވަނަ އަހަރުން 2016 އަހަރުގެ ނިޔަލަށް ސްޕެއިންގެ ވެލެންސިއާއަށް ވެސް ކުޅެފައެވެ.

އިޓަލީގެ އުދިނޭޒީއަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާ އެތުލެޓިކޯއަށް ސޮއިކޮށްފައި މިވަނީ 35 މިލިއަން ޔުރޯއަށް ފަސް އަހަރުގެ ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.

އެތުލެޓިކޯއަށް ބަދަލުވުމަށް ފަހު އޭނާ ބުނެފައިވަނީ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ޓީމާއި ގުޅުމުގެ ފުރުޞަތު ލިބުމުން އޭނާ ވަރަށް އުފާވެފައިވާ ކަމަށެވެ. މި ފުރުޞަތަކީ އޭނާގެ ކެރިއާގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އާޖެންޓީނާގެ ރޭސިން ކްލަބުން ކެރިޔަރުފެށި ޑިޕައުލް އެންމެ ފުރަތަމަ ގުޅުނު ޔޫރަޕްގެ ކްލަބަކީ ސްޕެއިނުގެ ވެލެންސިއާ އެވެ.

އެ ޓީމުގައި ދެ އަހަރު ހޭދަކުރިއިރު، އެއް ސީޒަނުގައި ލޯނަކަށް ކުރީގެ ޓީމު ރޭސިންއަށް ވެސް އޭނާ ކުޅެފައިވެއެވެ. ނިމިދިޔަ ސީޒަންގައި އުދިނޭޒީގެ މެދުތެރޭގައި ވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.