ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކަށް 300 އެއްހައި ފުލުހުން އަހުލުވެރިކޮށް މައުލޫމާތު ފޯރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހުކުރުދުވަހުގެ ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ކުރިއަށް ގެންދިޔަ ރާއްޖެ މިއަދު ޕްރޮގްރާމްގައި، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްއާން އަހުމަދު އަދި އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޞަފްވަތު ރައޫފް ވިދާޅުވީ، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން ބަލަމުންދާ މައްސަލަތެއްކަމަށެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމަށް ތަމްރީނު ލިބިފައިވާ ޖުވެނައިލް އޮފިސަރުން އުފައްދާފައިވާ ކަން ފާހަގަކުރަށްވަމުން، އެގޮތުން ސެންސިޓައިޒޭޝަން ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގާފައިވާނެކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
އެ ޕްރޮގްރާމްތަކުން، ފުލުހުންގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން 300 އެއްހައި ފުލުހުންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ.
އަލަށް އެކުލަވައިލި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކު، ކުޑަކުދިންނާ ގުޅުންހުރި ތަފާތު މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ފުލުހުންގެ ދައުރު ކުރިއަށްވުރެ ފުޅާވެ، އިތުރު ފަސޭހަތަކެއް ލިބިފައިވާކަން ވެސް އެ ބޭފުޅުން ވަނީ ފާހަގަ ކުރަށްވާފައެވެ.
އެ ގާނޫނުތަކަށް ފުލުހުން އިތުރަށް އަހުލުވެރި ކުރުވުމުގެ މަސައްކަތްވެސް ކުރަމުންދާކަން ފާހަގަކުރަށްވައި، އެގޮތުން، ރިފްރެޝަރ ޕްރޮގްރާމްތައް ހިންގަމުންދާކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ފުލުހުންނަަށް ތަމްރީނުދެމުންދާ ކަމުގައި ވިދާޅުވިއެވެ.
ޗައިލްޑް ޑާޓާ ބޭސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށާ އަދި ޕްރޮޖެކްޓް ގާޑިއަންގެ މަސައްކަތްތައްވެސް ފަށާފައިވާކަން ފާހަގަކުރައްވަމުން، ކަމާ ގުޅުންހުރި އިދާރާތަކާއި ޖަމްއިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދައި ފުލުހުން ތަމްރީނު ކުރަމުންދާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެ ބޭފުޅުން ވަނީ، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓު ކުރުމުގައި ބައެއް މީހުން ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ ކަމަށާއި ސޯޝަލް މީޑިއާގައި އެ ފަދަ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ތަހުގީގު ކުރުމުގައި ދަތިތައް ދިމާވަމުންދާކަމުގައި ފާހަގަކުރަށްވާފައެވެ. އަދި ސޯޝަލް މީޑިއާގައި ކުއްވެރިޔާގެ މައުލޫމާތު ހިއްސާކުރުމުން މައްސަލައިގެ ހެކި ގެއްލޭ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރިމަތިވަމުންދާ ކަމުގައި ވަނީ ފާހަގަކުރަށްވާފައެވެ.
މީގެއިތުރުން އެ ބެފުޅުން ވަނީ ސޯޝަލް މީޑިއާގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކޮށް ވިކްޓިމްގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ގިނަދުވަސްވެފައި ހުންނަ މައްސަލަތައް ހުށަހެޅުމުން އެ މައްސަލައެއްގައި އެކަށީގެންވާ ހެކި ނުހުންނަކަމަށާއި އެހެންކަމުން ކަމެއް ދިމާވުމުން ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް އެ ބޭފުޅުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!