ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. މޭގަ ޙަސަން ނާޝިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ޙަސަން ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

Ad
rt

މީގެ އިތުރުން ނާޝިދު ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި އެޓޭޗް ކޮންސިއުލަރ އެފެއާޒްގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

ޙަސަން ނާޝިދަކީ ސްކޮޓްލޭންޑްގެ އެޑިންބަރގްގެ މޮރޭ ހައުސް ކޮލެޖް އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެންގުއޭޖް ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ މިހާރު ދަނީ ޔުނިވަރސިޓީ އޮފް ކޭޕް ޓައުންއިން ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމް ކިޔަވާވިދާޅުވަމުންނެވެ.

ފިޝަރީޒް މިނިސްޓްރީގައި އިތުރު ނައިބު ވަޒީރަކު ވެސް ހުންނަވެއެވެ. އެއީ ޢަލީ މާޖިދު އެވެ.